ޝަހީދުންގެ ޒިކުރާ އާކުރައްވަަނީ ޝުކުރުވެރިކަމާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މިއަދު ފާހަގަކުރަމުން އަންނަ ޝަހީދުންގެ ދުވަހުގެ މުާސަބަތުގައި، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާންމަހުގެ އެއް ވަނަ ދުވަހު ދުޝްމިނުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން އެންމެ ފަހު ނޭވަޔާ ހަމަޔަށް އެ ހިތްވަރުގަދަ ގައުމީ ބަތަލު ދެއްކެވި ހިތްވަރާއި ފަންވަރުގެ ރޫހު ތާއަބަދު މި ގައުމުގައި ދިރިދިރި ހުންނާނެ ކަމަށެވެ.
ދިވެހި ޤގައުމުގެ ދިފާޢުގައި ހަނގުރާމައިގެ މައިދާނުގައި ޖިހާދު ކުރައްވަނިކޮށް އަލިރަަސްގެފާނު ޝަހީދުވިތާ މިއަދަށް މިވަނީ 482 އަހަރު ފުރިފައެވެ.
ރައީސް ވަނީ، ގައުމަށްޓަކައި ޖިހާދު ކުރައްވައި ޝަހީދުވި ފަހުލަވާނުންނާއި ގައުމީ ހިދުމަތުގައި ވާޖިބު އަދާކުރަމުން ދަނިކޮށް ޝަހީދުވި ހިތްވަރުގަދަ ކެރޭ ދަރީންގެ ފަނޑުވުމެއް ނެތް ޒިކުރާ ޝުކުރުވެރިކަމާއެކު އާކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، އަލިރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ މަޖްދާއި ކަރާމާތް ނަގަހައްޓާނެ ކަމަށެވެ.
ޝަހީދުންގެ ދުވަސް ރާއްޖޭގައި ފުރަތަމަ ފާހަގަކުރަން ފެށީ 1400 ވަނަ އަހަރުގެ ޝައުބާންމަހުގެ 1 ވަނަ ދުވަހުއެވެ. އެއީ މީލާދީން 14 ޖޫން 1980 ގައެވެ.