ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ ސައުދީ އަރަބިއްޔާގެ ގާނޫނު ހަދާ މަޖިލީސް، ޝޫރާ ކައުންސިލްގެ ރައީސް ޝެއިޚް ޑރ. އަބްދުއްﷲ ބިން މުހައްމަދު ބިން އިބްރާހީމް އަލް ޝެއިޚް އާ ބައްދަލުކުރައްވާ އެގައުމަށް ހައްޖަށްދާ ދިވެހީންނަށް އިތުރު ލުއިފަސޭހަތައް ދެއްވާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިވަގުތު ހުއްނެވީ ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާގައެވެ. މި ދަތުރުފުޅުގައި ޝޫރާ ކައުންސިލްގެ ރައީސާ ބައްދަލުކުރެއްވީ މިއަދުއެވެ. މި ބައްދަލުކުރެއްވުމުގައި އަބްދުއްރަހީމް ވަނީ، ރާއްޖެއިން އެ ގައުމަށް ހައްޖަށް ދާ މީހުންނާ މެދު އެ ގައުމުން ބަހައްޓާ ގާތްކަން ފާހަގަކުރައްވައިފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ގައުމަށް ހައްޖަށްދާ މީހުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭނެކަމަށް އުންމީދު ކުރައްވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. އަދި މި ގުޅުމަކީ ދީނާއި ސަގާފަތާއި ތާރީޚީ ކަންކަންމުގެ މައްޗަށް އެކުލެވިގެންވާ ގުޅުމެއް ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.
އަބްދުއްރަހީމް ވަނީ، ރާއްޖޭގެ ތަރައްގީއަށް އެ ގައުމުން މެދުކެނޑުމެއްނެތި ދެމުންދާ އެހީތައް ފާހަގަކުރައްވައި އެކަންކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ވިޔަފާރި އާއި އިންވެސްޓްމަންޓާއި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ހަރުދަނާ ކުރުމުގެ މަޝްވަރާތައް ދެބޭފުޅުން ކުރެއްވިއެވެ.
މި ބައްދަލުވުން ނިންމަވާލެއްވީ ޝޫރާ ކައުންސިލްގެ ރައީސަށް ރާއްޖެ އައުމަށް ދައުވަތު ދެއްވަމުންނެވެ.