ބަންގްލަދޭޝް ރައްޔިތަކު ދިރިއުޅޭ ގެއަކަށް ވަދެ، އޭނާގެ ވީވޯ ބްރޭންޑްގެ ޕޯނު ވަގަށް ނެގި މީހަކު ފަސް މަހަސް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މިއީ 2024ވަނަ އަހަރުގެ އޮކްޓޫބަރު 22ވަނަ ދުވަހު ހިނގި ހާދިސާއެކެވެ. ހއ. މކޮޅަދޫ އާޒާދު ގެއަށް ނިސްބަތްވާ އަހްމަދު އަބްދުﷲ މއ. ރޯސްމީޑް ގެއަށް ވަދެ އެ ގޭގެ ގްރައުންޑް ފްލޯގައި ދިރިއުޅޭ ބަންގްލަދޭޝް މީހެއްގެ ކޮޓަރީގައި ބާއްވާފައި އޮތް ފޯނު ވަގަށް ނެގި ކަމަށް ދައުވާގެ ޚުލާސާގައި ވެއެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް ކުރަނީ އެހެން މީހެއްގެ މަދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއެވެ. އޭނާ ވަނީ މި ދެ ދައުވާ އަށް ވެސް އިއުތިރާފު ވެފައެވެ.
އެހެންކަމުން އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ފަސް މަސްދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެއީ އެހެންމީހެއްގެ މުދަލެއްގެމައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ފޯރުވުމުގެ ކުށުގެ އަދަބެއްގެ ގޮތުން ދެ މަހާއި12 ދވަހަށް ޖަލަށް ލުމާއި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ އަދަބެއްގެ ގޮތުން ތިން މަސް ދުވަހަށް ޖަލަށް ލުމެވެ.