މާލޭގެ ގެއެއް ބަލައިފާސްކޮށް، 266.29 ގްރާމްގެ މަސްތުވާތަކެއްޗާއި 80،000އަށްވުރެ ގިނަ ރުފިޔާއާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 36 އަހަރުގެ ބުލާފަރުގެ، ގއ. ވިލިނގިލި އަމްޖަދު ރިގާބާއި އުމުރުން 28އަހަރުގެ މޯނިންގްސްޓާ، ށ. ނޫމަރާ މުހައްމަދު ނާއިފެވެ.
ފުލުހުން ބުނީ، މި ދެމީހުން ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި މިދިޔަ އަންގާރަ ދުވަހު ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ކަމަށެވެ. އެގޮތުން، މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން މާލޭ ގަލޮޅު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެއްޗާއި 80،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވެއެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 266.29 ގުރާމް ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަމްޖަދު ރިގާބް ފަސް ދުވަހަށް އަދި މުހައްމަދު ނާއިފް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.