ބޯވަ ނެގުން: ދިވެހިންގެ ފަންނުވެރިކަމާއި އޭގެ ސިއްހީ ފައިދާތައް

Screenshot 2026-01-22 at 12.51.32

ދިވެހިންގެ މެދުގައި ޒަމާނުއްސުރެ މަގުބޫލުކަން ހޯދާފައިވާ ބޯވަ ނެގުމަކީ ހަމައެކަނި ކާނާއެއް ހޯދުމަށް ކުރާ ކަމެއް ނޫނެވެ. މިއީ މޫދުގެ ލޮނުގަނޑު ތެރޭގައި ކުރާ ފޯރިގަދަ ކުޅިވަރެއްގެ ގޮތުގައިވެސް ގިނަ ބަޔަކު ދެކެއެވެ. ބޯވަ ނެގުމަށް ޚާއްސަ ހުނަރުތަކެއް ބޭނުންވާއިރު، މިއީ ސިއްހީ ގޮތުންވެސް އިންސާނާގެ ހަށިގަނޑަށް ނުހަނު ފައިދާހުރި ކަމެކެވެ.

ބޯވަ ނެގުމަށް އެންމެ މުހިންމު އެއްޗަކީ ދާވަނި ނުވަތަ ކޮޅު ތޫނުކޮށްފައި އޮންނަ ދަނޑިބުރިއެއް ނުވަތަ ދަގަނޑު ކަަހަލަ އެއްޗެކެވެ. މޫދަށް އެރި ބޯވަ ހޯދުމުގައި އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހެނީ ގާގަލުގެ ހޮހަޅަތަކަށެވެ. އާންމުކޮށް ބޯވަ ވަދެ އޮންނަ ހޮހަޅައިގެ ބޭރުގައި ކުދި ގާތަކާއި ބޮއްޔާއި އިތާމަތި ފަދަ ތަކެތި ޖަމާކޮށްފައި ހުރެއެވެ. މިއީ ބޯވަ އޮތްކަމުގެ ނިޝާނެކެވެ. ބޯވަ ފެނުމުން، އޭގެ ގަޔަށް ދާގަނޑު ހެރުމަށްފަހު ދަމައިގަންނަނީއެވެ. ނަމަވެސް ބޯވަ ގަލުގައި ހިފަހައްޓައިފިނަމަ، އެ ނެއްޓުވުމަށް ބާރާއި އުކުޅު ބޭނުންވެއެވެ.

ބޯވައަކީ މާހައުލާ އެއްގޮތަށް ކުލަ ބަދަލުކުރުމުގެ ކުޅަދާނަކަން ލިބިފައިވާ އެއްޗަކަށް ވާތީ، އެ ހޯދުމަށް ލޮލުގެ ފެނުން ތޫނުވާން ޖެހެއެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ބޯވަ ނަގަން އެންމެ ފަސޭހައީ ހިކި ދިޔައިގައެވެ. ފަރުމަތި ތިލަވުމުން ގާތަކުގެ ތެރެ ބަލަން ފަސޭހަވެގެންދެއެވެ. ބައެއް ފަހަރު ބޯވަ އޮންނަ ތަނުން ނެރުމަށްޓަކައި އެމެއްގެ ގޮތުގައި ކަކުނި ފަދަ ތަކެތި ވެސް ބޭނުންކުރެއެވެ.

ސިއްހީ މާހިރުން ފާހަގަކުރައްވާ ގޮތުގައި ބޯވައަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތަކުން މުއްސަނދިވެފައިވާ ކާނާއެކެވެ. މީގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވިގެންވާއިރު، ފެޓް ނުވަތަ ސަރުބީ ހުންނަނީ ވަރަށް މަދު މިންވަރަކަށެވެ. މީގެ އިތުރުން ވިޓަމިން ބީ12 އާއި، ދަގަނޑުގެ ބައި (އަޔަން) އަދި ސެލެނިއަމް ފަދަ މިނަރަލްތައް ބޯވައިގައި ގިނަ އަދަދަކަށް ހުރެއެވެ. މިއީ ލޭގެ ހިނގުން ރަނގަޅުކޮށްދީ، ހަކަތަ އިތުރުކޮށްދިނުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ.

ބޯވައިގައި ހިމެނޭ އޮމެގާ-3 ފެޓީ އެސިޑްސްގެ ސަބަބުން ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް މަގުފަހިވެއެވެ. އަދި މިއީ ސިކުނޑީގެ ދުޅަހެޔޮކަމަށް ވެސް މުހިންމު މާއްދާއެކެވެ. ދިވެހިން އާންމުކޮށް ބޯވަ ކައިއުޅެނީ ރިހާކުރު ލައިގެން ކައްކައިގެން ނުވަތަ މިރުސް ލައިގެން މީރު ރިހައެއްގެ ގޮތުގައެވެ. ބޯވަ ނެގުމަކީ ހަމައެކަނި ކެއުމަށް ކުރާ ކަމަކަށްވުރެ ބޮޑަށް، ދިވެހި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ކަމެކެވެ. ޒުވާނުންގެ މެދުގައި މިކަމުގެ ފޯރި ގަދަވަމުން އަންނައިރު، މިއީ ކަސްރަތެއްގެ ގޮތުގައި ވެސް ބެލިދާނެ ހަރަކާތެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ