ތެލަސީމިއާ ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ދޭ އެލަވަންސް ލިބޭނީ ތެލަސީމިއާ ސެންޓަރުގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށްކަމަށް ތެލަސީމިއާ އެންޑް އަދާ ހިމޮގްލޮޕަތީސް ސެންޓަރުން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ތެލެސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓަރުގެ ފަރާތުން ވާހަކަދައްކަވަމުން ޑރ. މަރިޔަމް ޖޫދާ ރަޝީދު ވިދާޅުވީ މޯލްޑިވިއަން ބްލަޑް ސާވިސަސް ތެލަސީމިއާ ސެންޓަރުގައި ދަފްތަރު ކުރެވިފައިވާ 651 ފަރާތްތަކަށް މިމަހު އެލަވަންސް ލިބޭނެކަމަށެވެ. .
"މިވަގުތު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިނގަމުންމިދާ މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ތެލަސީމިއާ ސެންޓަރ، މޯލްޑިވިއަން ބްލަޑް ސާވިސަސް ތެލަސީމިއާ ސެންޓަރުގަ ދަފްތަރުކުރެވިފައިވާ ހުރިހާ ފަރާތްތަކަކަށްވެސް (އެލަވަންސް) ލިބޭ ގޮތަށް މި ވަނީ. އެކަމަކު އެލަވެންސެއް ލިބޭނީ އެލަވަންސަށް އެޕްލައި ކުރުމަށްފަހު." ޑރ. މަރިޔަމް ޖޫދާ ރަޝީދު ވިދާޅުވިއެވެ.
ތެލަސީމިއާ އެލަވަންސް ދިނުމާ ގުޅޭ ކަންކަން ބަޔާންކުރާ ގަވާއިދުގައިވާގޮތުން ދަފްތަރުވެފައިވާ ހުރިހާ ފަރާތަކަށް އެލަވަންސް ހަމަޖެހުމުގެ ފުރުސަތު އޮތް ނަމަވެސް، ފަރުވާ ލިބުމަށްފަހު ތެލަސީމިއާއަށް ފަރުވާކުރަން ނުޖެހޭނަމަ، އެފަރާތްތަކަށް އެލަވަންސެއް ނުލިބޭނެއެވެ.
އެލަވަންސް ހޯދުމަށް ހުށަހަޅާނީ ވަންގަވް މެދުވެރިކޮށް އީފާސް ބޭނުންކޮށްގެންނެވެ.
މި މަހު އެލަވަންސަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ މިރޭ 12ގެ ނިޔަލަށެވެ. އެހެންނަމަވެސް ފެބްރުއަރީ މަހުން ފެށިގެން އެލަވަންސަށް އެދި ހުށަހެޅޭނީ ކޮންމެ މަހެއްގެ 15ގެ ނިޔަލަށެވެ.