ސިޔާސީ ކާޓޫނާއި ދީނީ ހުރުމަތް: އަދަދުގެ ކާޓޫނަކީ މިސްކިތުގެ ހުރުމަތް ކެނޑުން!

Screenshot 2026-01-23 at 14.48.20

ސިޔާސީ މައިދާނުގައި ހިނގާ ކަންކަމަށް ފާޑުކިޔުމާއި، ވެރިންގެ ކިބައިގައި ހުންނަ ނޭދެވޭ ސިފަތައް ރައްޔިތުންނަށް ތިލަކޮށްދިނުމަކީ ނޫސްވެރިކަމުގެ އެންމެ މުހިންމު އެއް ޒިންމާއެވެ. މިކަމުގައި "ޕޮލިޓިކަލް ސެޓަޔަރ" ނުވަތަ ސިޔާސީ މަލާމާތާއި ކާޓޫނަކީ މުޅި ދުނިޔޭގައި ވެސް ބޭނުންކުރާ ބާރުގަދަ ހަތިޔާރެކެވެ. ނަމަވެސް، ދާދި ފަހުން "އަދަދު" ނޫހުން ޝާއިއުކުރި "ވޮލިއުމް 22" ގެ ކާޓޫނާ އެކު، ދިވެހި މުޖުތަމައުގައި މިވަނީ ހޫނު ބަހުސެއް އުފެދިފައެވެ. އެ ކާޓޫނުން ފެންނަނީ ޖަމާއަތުގައި ނަމާދަށް ސަޖިދައިގައި އޮތް މީހަކު، އިމާމުގެ ޖީބުން ވައްކަން ކުރާ މަންޒަރެވެ. މިއީ ހަމައެކަނި ސިޔާސީ މެސެޖެއް ހެއްޔެވެ؟ ނުވަތަ ދީނީ މުގައްދަސް ކަމަކަށް އަރައިގަތުން ހެއްޔެވެ؟

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ވަނީ މި ކާޓޫނު ނެގުމަށް އެ ނޫހަށް އަންގާފައެވެ. ކޮމިޝަނުން މިކަން ސިފަކުރެއްވީ އިސްލާމްދީނުގެ އަސާސްތަކާއި ދީނީ ޝިއާރުތަކަށް އިހުތިރާމު ކުޑަވުމުގެ އަމަލެއްގެ ގޮތުގައެވެ. ބްރޯޑްކާސްޓިންގ ގާނޫނާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުތަކުގައި، އިސްލާމްދީނުގެ އަصلުތަކާ ޚިލާފު ނުވުމަށާއި ދީނީ ކަންކަމަށް މަލާމާތް ނުކުރުމަށް ކަނޑައަޅާފައިވާ މާއްދާތަކަށް ރިއާޔަތްކޮށް ކޮމިޝަނުން އެޅުއްވި މި ފިޔަވަޅަކީ، ގިނަ ރައްޔިތުންތަކެއްގެ ޝަކުވާތަކާ ގުޅިގެން ނިންމެވި ނިންމެވުމެއް ކަމަށް ބެލެވެއެވެ.

ނަމަވެސް، އަދަދު ނޫހުން މިކަން ދެކެނީ މުޅިން ތަފާތު ގޮތަކަށެވެ. އެ ނޫހުގެ ދިފާއުގައި ބުނެފައިވަނީ، އެ ކާޓޫނުން ދައްކުވައިދެނީ ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން ސިޔާސީ މީހުން ހިންގާ ވައްކަމާއި ޚިޔާނާތް ކަމަށެވެ. ބޭރުފުށުން ތަގުވާވެރިކަން ދެއްކި ނަމަވެސް، އެތެރެފުށުން ރައްޔިތުންގެ މުދަލަށް އަރައިގަންނަ މަންޒަރު ސިފަކުރުމަށް ބޭނުންކުރި "މެޓަފޯ" އެއް ކަމަށް އެ ފަރާތުން ވަކާލާތު ކުރެއެވެ. މިއީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ތެރެއިން ކުރެވޭނެ ކަމެއް ކަމަށާއި، ކޮމިޝަނުގެ އެންގުމަކީ ސެންސަރު ކުރުން ކަމަށް ނޫހުން ދެކެއެވެ.

މި މައްސަލައިގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގެންގުޅެނީ ވަރަށް ނާޒުކު ހަމައެކެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ޖަމިއްޔާއެއްގެ ހައިސިއްޔަތުން، މީޑިއާތަކަށް ފިޔަވަޅު އެޅުމުގައި ކަންބޮޑުވުން ފާޅުކުރި ނަމަވެސް، އިސްލާމީ މުޖުތަމައެއްގެ ހަމަތައް ހިފެހެއްޓުމުގެ މުހިންމުކަން އެ ޖަމިއްޔާއަށް ވެސް ފާހަގަކުރެވެއެވެ. އެމްޖޭއޭގެ ކަންބޮޑުވުމަކީ، ދީނީ ކާޑު ބޭނުންކޮށްގެން ސިޔާސީ ފާޑުކިޔުންތައް ހުއްޓުވަން މަސައްކަތް ކުރުމުގެ ސަގާފަތެއް އުފެދިދާނެތީއެވެ. އެހެންނަމަވެސް، ދީނީ މުގައްދަސް ރަމްޒުތައް ބޭނުންކުރުމުގައި ނޫސްވެރިން ޒިންމާދާރުވާން ޖެހޭނެކަން އެންމެން ވެސް ގަބޫލުކުރެއެވެ.

ދީނީ ނަޒަރަކުން ބަލާއިރު، މި ކާޓޫނުގައި ފެންނަ މަންޒަރަކީ ނުހަނު ކަންބޮޑުވާންޖެހޭ ފަދަ މަންޒަރެކެވެ. ސަޖިދައަކީ އަޅާ އާއި އޭނާގެ ވެރި ރައްބާ ދެމެދު އޮންނަ ގުޅުން އެންމެ ބޮޑަށް ރަމްޒުކޮށްދޭ ހާލަތެވެ. ނަމާދުގެ އެންމެ މަތިވެރި ރުކުނެވެ. އެފަދަ މަތިވެރި އަޅުކަމެއްގެ ތެރޭގައި އޮވެ، ވައްކަން ކުރާ ތަން ކުރެހުމުން، އެ މަލާމާތް ރައްދުވަނީ ހަމައެކަނި އެ އަމަލުކުރާ މީހާއަކަށް ނޫނެވެ. އެއީ ނަމާދުގެ ހުރުމަތް ކެނޑިގެންދާ ފަދަ އަމަލެކެވެ. މުނާފިގުންގެ ސިފަތައް ބަޔާންކުރުމަށް ވެސް، މުސްލިމުންގެ އެންމެ މުގައްދަސް އަޅުކަން "ކޮމިކް" އެއްގެ ގޮތުގައި ބޭނުންކުރުމަކީ އިސްލާމީ އަޚްލާގިއްޔާތާ ބީރައްޓެހި ކަމެކެވެ.

ހުޅަނގުގެ ގައުމުތަކުގައި، މިސާލަކަށް ފްރާންސް ފަދަ ތަންތަނުގައި ދީނީ ރަމްޒުތަކަށް މަލާމާތްކުރުމަކީ "މިނިވަންކަން" ކަމަށް ދެކުނު ނަމަވެސް، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެކެވެ. މިތަނުގެ އިޖުތިމާއީ ފޭރާން ވިޔެވިފައިވަނީ އިސްލާމީ އަގުތަކުގެ މައްޗަށެވެ. ސިޔާސީ މީހެއްގެ ނުބައިކަން ދެއްކުމަށްޓަކައި، މާތް ﷲ އަށް ކުރާ ސަޖިދަ، ވައްކަމުގެ ވަސީލަތެއްގެ ގޮތުގައި ކުރަހައި ދެއްކުމުން، އޭގެން ނުކުންނަ ނަތީޖާއަކީ މުޖުތަމައުގައި ދީނީ ކަންކަމަށް އޮންނަ ހައިބަތު ކުޑަވުމެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ވަކި ހައްދެއް ނެތް އެއްޗެއް ނޫނެވެ. ނޫސްވެރިންނަށް ސިޔާސީ ވެރިންގެ މުނާފިގުކަމާއި ވައްކަން ހާމަކުރުމުގެ ފުރިހަމަ ހައްގު ލިބިގެންވެއެވެ. އަދި އެކަން ކުރަން ވެސް ޖެހެއެވެ. ނަމަވެސް އެކަން ކުރުމުގައި، މުޅި އުންމަތް އެކަމަކަށް ބޯލަނބައިގެން ތިބި މުގައްދަސް އަޅުކަންތައް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ސަބަބަކީ، ސިޔާސީ މީހުން އައިސް ގޮސް ވެދާނެއެވެ. ނަމަވެސް ދީނާއި އޭގެ ޝިއާރުތަކަކީ ދެމިއޮންނާނެ ހަގީގަތްތަކެވެ. އެހެންކަމުން، "ކްރިއޭޓިވިޓީ" ގެ ނަމުގައި ދީނީ ރުކުންތައް ސިޔާސީ ކުޅިވަރުގެ ތެރެއަށް ވެއްދުމަކީ، ނޫސްވެރިކަމުގެ ޒިންމާދާރުކަމާ މެދު ސުވާލު އުފެދޭ ކަމެކެވެ. މުޖުތަމައުގެ ހަމަޖެހުމާއި ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި، މިފަދަ ކުރެހުންތަކާއި ޚިޔާލުތައް ފާޅުކުރުމުގައި މީޑިއާތަކުން މިއަށްވުރެ ހަރުދަނާ، ޒިންމާދާރު އުސޫލެއް ގެންގުޅެން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ