ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަކީ ހަމައެކަނި ކަނޑުމަހުގެ ބާވަތްތަކަށް ޚާއްޞަވެފައިވާ ތަނެއް ނޫނެވެ. މީގެ ތެރޭގައި އަޑި ނުވަތަ ފުނުގައި އުޅޭ އަގުބޮޑު ދިރުންތައް ހިމެނެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބާވަތަކީ "ކަށި މިޔަރު" އެވެ. މިއީ އާދައިގެ މިޔަރާ ޚިލާފަށް، ކަނޑުގެ ވަރަށް ފުނުގައި އުޅޭ، އަދި އޭގެ މޭގަނޑުން ނަގާ ތެލަކީ ދުނިޔޭގެ ބާޒާރުގައި އިންތިހާއަށް އަގުބޮޑު އެއްޗެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށް ނިންމެވި ނިންމެވުންތަކާ ގުޅިގެން، މި ބާވަތުގެ މަސްވެރިކަމުގެ ވާހަކަ އަނެއްކާވެސް މިވަނީ ދެކެވެން ފަށާފައެވެ.
މާޒީގައި ކަށި މިޔަރުގެ މަސްވެރިކަން އޮތް ގޮތް
ރާއްޖޭގައި ކަށި މިޔަރުގެ މަސްވެރިކަން އެންމެ ފުޅާދާއިރާއެއްގައި ކޮށްފައިވަނީ 1980 ގެ އަހަރުތަކާއި 1990 ގެ ކުރީކޮޅުގައެވެ. އޭރު މިކަން ކުރަމުން އައީ ޚާއްޞަ އުޞޫލަކުން، ކަނޑުގެ ވަރަށް ފުނަށް ނަނު ފައްތައިގެންނެވެ. މި މިޔަރުގެ މައިގަނޑު ބޭނުމަކީ އޭގެ މޭގަނޑެވެ. ކަށި މިޔަރުގެ ހަށިގަނޑުގެ ބޮޑުބައެއް ޙިއްޞާކުރަނީ އޭގެ މޭގަނޑެވެ. އެ މޭގަނޑުން ނަގާ ތެޔޮ ނުވަތަ "ސްކުއަލީން" އަކީ ޖަޕާނު ފަދަ ޤައުމުތަކަށް އެކްސްޕޯޓްކޮށްގެން ރާއްޖެއަށް ބޮޑު އާމްދަނީއެއް ލިބުނު އެއްޗެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، 1980 އިން ފެށިގެން 2000 ވަނަ އަހަރާ ހަމައަށް ރާއްޖެއިން އެތައް ޓަނެއްގެ މިޔަރު ތެޔޮ އެކްސްޕޯޓްކޮށްފައިވެއެވެ. މިސާލަކަށް 1980 ގެ އަހަރުތަކުގެ މެދުތެރޭގައި އަހަރަކު ގާތްގަނޑަކަށް 30 އާއި 40 ޓަނާ ދެމެދުގެ ޢަދަދަކަށް މިޔަރު ތެޔޮ އެކްސްޕޯޓް ކުރެވުނު ކަމަށް ރެކޯޑުތަކުން ދައްކައެވެ. ނަމަވެސް، ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރައި، ފީނުމަށް އަންނަ ފަތުރުވެރިންނަށް މިޔަރު ދެއްކުމަކީ އިޤްތިޞާދީ ގޮތުން މާ ފައިދާހުރި ކަމެއްކަމަށް ފެނުމާއި، އަދި މިޔަރުގެ އާބާދީ ދަށްވަމުންދާކަމުގެ ޝަކުވާތަކާ ގުޅިގެން 2010 ވަނަ އަހަރު ރާއްޖޭގައި މިޔަރުގެ މަސްވެރިކަން އެއްކޮށް މަނާކުރެވުނެވެ.
ކަށި މިޔަރުގެ ބޭނުންތައް
ކަށި މިޔަރަކީ އޭގެ ޒާތުގައި ގިނަ ބޭނުންތަކެއް ހިފޭ އެއްޗެކެވެ. އޭގެ މައިގަނޑު ބޭނުންތަކަކީ:
- މިޔަރު ތެޔޮ (ސްކުއަލީން): މިއީ ކަށި މިޔަރުން ލިބޭ އެންމެ އަގުބޮޑު އުފެއްދުމެވެ. މިއީ މަތީ ފެންވަރުގެ ކޮސްމެޓިކްސް ނުވަތަ ރީތިވާ ސާމާނު އުފެއްދުމަށާއި، ބައެއް ކަހަލަ ބޭސްތައް އަދި ވެކްސިން އުފެއްދުމަށް ބޭނުންކުރާ މާއްދާއެކެވެ.
- މަސްގަނޑު: މިޔަރުގެ މަސްގަނޑަކީ ލޮނުއަޅައި ހިއްކައިގެން ކެއުމަށް ބޭނުންކުރާ އެއްޗެކެވެ. ޚާއްޞަކޮށް އޭޝިއާގެ ބައެއް ޤައުމުތަކުގައި މިއީ މަޤްބޫލު ކެއުމެކެވެ.
- އުރަހަ: މިޔަރުގެ އުރަހައަކީ ޗައިނާ ފަދަ ޤައުމުތަކުގައި "ޝާކް ފިން ސޫޕް" ހެދުމަށް ބޭނުންކުރާ، އަގުބޮޑު ބާވަތެކެވެ.
ސަރުކާރުގެ އައު ސިޔާސަތާއި އިޤްތިޞާދީ މަންފާ
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ނަފާ އިތުރުކުރުމަށްޓަކައި، ކަށި މިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވައިލައިފައެވެ. ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި، މި ބަދަލުގެ ބޭނުމަކީ ހަމައެކަނި ކަނޑުމަހަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، މަސްވެރިކަމުން ލިބޭ ޢާމްދަނީ އިތުރުކުރުމެވެ.
ސަރުކާރުން އަންދާޒާކުރާ ގޮތުގައި، މި ބާވަތުގެ މަސްވެރިކަން އަލުން ފެށި، ރަނގަޅު ނިޒާމެއްގެ ދަށުން ބެލެހެއްޓިއްޖެނަމަ، ރާއްޖެއަށް ވަންނަ ބޭރު ފައިސާ ނުވަތަ ޑޮލަރުގެ މިންވަރު އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ. ތަޖުރިބާކާރުން ލަފާކުރައްވާ ގޮތުގައި، ކަށި މިޔަރުގެ ތެލާއި އުފެއްދުންތައް އެކްސްޕޯޓްކޮށްގެން އަހަރަކު އެތައް މިލިއަން ޑޮލަރެއް ރާއްޖޭގެ އިޤްތިޞާދަށް ވެއްދުމުގެ ޤާބިލުކަން މި ސިނާޢަތުގައި އެބަހުއްޓެވެ.
މިހާތަނަށް މި މަސްވެރިކަން އަލުން ހުޅުވާލިފަހުން ބޭނުނު ޢަދަދުތަކުގެ ތަފްސީލީ ރިޕޯޓެއް ޢާންމުކޮށްފައި ނުވިނަމަވެސް، މިނިސްޓްރީން ފާހަގަކުރައްވާ ގޮތުގައި މިކަމަށް ޝައުޤުވެރިވާ ފަރާތްތައް އިތުރުވަމުންދެއެވެ. އަދި މިކަމުން ލިބޭނެކަމަށް ބެލެވޭ އިޤްތިޞާދީ ނަފާގެ ސަބަބުން، ޑޮލަރުގެ ތާށިކަމަށް ލުޔެއް ލިބިގެންދާނެކަމަށް ސަރުކާރުން އުއްމީދުކުރެއެވެ.. ކަށި މިޔަރުގެ މަސްވެރިކަމަކީ ރަނގަޅަށް ރެގިއުލޭޓް ކުރެވިއްޖެނަމަ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް އިންޤިލާބީ ބަދަލެއް ގެނުވާނެއެވެ.