މެރިން ހެޗަރީ ސްކިލްސް ޑިވޮލޮޕްމެންޓް ޕްރޮގްރާމްގެ ފުރަތަމަ ބޭސިކް މެރިކަލްޗާ ޓްރެއިނިން ކޯސް މިދިޔަ ހޮނިހިރު ދުވަހު ފަށައިފިއެވެ.
އަންނަ މަހުގެ ފަސްވަނަ ދުވަހާ ހަމައަށް ކ. މަނިޔަފުށި ރިސާޗް އެންޑް ޓްރެއިނިން ފެސިލިޓީގައި ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމުގައި ރާއްޖޭގެ އެކި އަތޮޅުތަކުން 10 ބައިވެރިން ބައިވެރިވިއެވެ. މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން 64 ބައިވެރިން ވަނީ ބޭސިކް މެރިކަލްޗާ ކޯހުގައި ތަމްރީނު ފުރިހަމަ ކޮށްފައިވެއެވެ.
މި ތަމްރީން ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހަފުތާ 14 މަގު ޗާޓުގައި ހިމަނުއްވާފައިވާ ހަރަކާތްތަކުގެ ތެރެއިން ފެށިގެން ކުރިއަށްގެންދާ ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ގާއިމުރާނެ ގޮތާއި އެކުއަކަލްޗާގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ބޭނުމުގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެކެވެ.
ސަރުކާރުގެ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރާ "ސަރުކާރު" ވެބްސައިޓުގައި ވާގޮތުން މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ މަޤުސަދަކީ ދެމެހެއްޓެނިވި މެރިން އެކުއަކަލްޗާގެ (މެރިކަލްޗާގެ) ސިނާއަތެއް ރާއްޖޭގައި ޤާއިމުކުރުމަށް މަގުފަހި ކުރުމަށްޓަކައި މެރިކަލްޗާ ދާއިރާއިން މީހުން ބިނާކުރުމެވެ.
މިއީ ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ އެހީތެރިކަމާއެކު މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަންސް ރިސޯސަސް ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.
މި ކޯހުގެ ދަށުން އެކުއަކަލްޗާގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނަޔާއި ހުއިފިލަނޑަޔާއި ދިވެހި މާގަނޑުމަސް އަދި އިތާމުތް އާލާކުރުމާއި، އާލާ ކުރާ ބާވަތްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ބަލިތަކުން ރައްކާތެރިކުރުމާއި، މެރިކަލްޗާ މަސައްކަތްތައް ކުރުމުގައި ތިމާވެށްޓަށް ގެއްލުން ކުޑަވާގޮތަށް މަސައްކަތް ކުރުމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، ފާނަޔާއި ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާކުރުމުގެ އަމަލީ ތަޖުރިބާ ކޯހުގެ ބައިވެރިންނަށް ފޯރުކޮށްދޭނެއެވެ.