އިންޑިއާގެ ވެސްޓް ބެންގަލޯގައި މިވަގުތު ފެތުރެމުންދާ ނިޕާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް ކުޑަ ކަމަށާއި، ހާލަތު މޮނީޓާ ކުރަމުން ދާކަމަކަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
މިކަމާ ގުޅީގެން އެޗްޕީއޭއިން ނެރުނު އިއުލާނެއްގައި ވަނީ، މިމަހުގެ އިންޑިއާގެ ވެސްޓް ބެންގަލޯއިން ނިޕާ ވައިރަހަށް ޕޮޒިޓިވް ތިން މީހަކު ފެނިފައި ވާކަމަށެވެ. އަދި މީގެ ކުރީ އަހަރުތަކުގައި ވެސް ނިޕާ ވައިރަހުގެ ކޭސްތަކެއް އިންޑިއާ އަދި އެހެން ގައުމުތަކުން ވެސް ރިޕޯޓުކޮށްފައި ވާކަމަށެވެ.
އިންޑިއާގައި މިވަގުތު މި ބަލި ޖެހިފައިވާ މީހުންނާ ކޮންޓެކްޓްވި 180އަށްވުރެ ގިނަ މީހުން ދެނެގަނެވި އެމީހުން ކަރަންޓިނު ކޮށްފައި ވާކަމަށް އެޗްޕީއޭއިން ބުންޏެވެ. މިބަލީގެ އިތުރު ކޭސްތަކެއް މިހާތަނަށް ފެނިފައި ނުވާއިރު އިންޑިއާގެ އެހެން ސަރަހައްދަކުން ވެސް މިބަލި ފެނިފައި ނުވާކަން އެޗްޕީއޭއިން ފާހަގަކުރިއެވެ.
އެހެންކަމުން، މިވަގުތު ރާއްޖެއަށް މި ބަލީގެ ނުރައްކާ ކުޑަކަމަށް އެ އިދާރާއިން ބުންޏެވެ. ނަމަވެސް، ހާލަތު މޮނީޓާ ކުރަމުން ދާކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ، ބައްޔާ ގުޅިގެން އެއްވެސް ކޭސްއެއް ނުވަތަ ކޮންޓެކްޓްވި އެއްވެސް މީހެއް ވެސް އަދި މިހާތަނަށް ރިޕޯޓު ކޮށްފައި ނުވާކަމަށެވެ.
"ނަމަވެސް، ބަލި ފެނިފައިވާ ވެސްޓް ބެންގަލޯ ސަރަހައްދަށް ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުން މުހިންމެވެ. އަދި އާންމު ސިއްހަތު ރައްކާތެރި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަމާ ގުޅޭ އިދާރާތަކާއި ސިއްހީ ޚިދުމަތްދޭ ތަންތަނާ ގުޅިގެން މި އެޖެންސީން ދަނީ ކުރަމުންނެވެ." އެ ބަޔާނުގައި ވެއެވެ.
ނިޕާ ވައިރަހަކީ ޓެރޯޕަސް އާއިލާގެ ވާލުން އަދި އޫރުން އިންސާނުންނަށް ފެތުރޭ ބައްޔެކެވެ. މި ބާވަތުގެ ވާ ކައިފައިވާ މޭވާ ނުވަތަ ވާލުގެ ކުޅު ނުވަތަ ކުޑަކަމުދާ އެއްޗެހި ޖެހިފައިވާ މޭވާ އާއި ތަރުކާރީފަދަ ތަކެތި ބޭނުން ކުރުމުން އިންސާނުންނަށް ބަލި ފެތުރެއެވެ. މީގެ އިތުރުން ބަލި ޖެހިފައިވާ މީހުންނާ ގާތްކޮށް އުޅުމުން ވެސް މި ބަލި އިންސާނުންނަށް ފެތުރެއެވެ.
ބަލި ޖެހޭ މީހުންގެ ކިބައިން އަންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ބޮލުގައި ރިއްސުން، ކެއްސުން، ކަރުގައި ރިއްސުން އަދި ނޭވާލާން އުނދަގޫވުން ހިމެނެއެވެ. މީގެ އިތުރުން ބަލި ބޮޑުވާ ވަރަކަށް ސިކުޑިއަސް އަސަރުކޮށް ވާނުވާ ނޭންގި ބައެއް މީހުންނަށް ފިޓު ޖެހެއެވެ.
މި ބައްޔަށް ވަކި ޚާއްސަ ފަރުވާއެއް ނެތް ނަމަވެސް، ބަލީގެ އަލާމާތްތަކަސް ފަރުވާ ކުރެވެއެވެ.