ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހެޅުމުގެ ވަގުތު މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ)ން އިތުރުކޮށްފިއެވެ.
އީސީން ބުނީ ފޯމު އޮންލައިންކޮށް ހުށަހެޅޭނެ ވަގުތު ދެ ގަޑިއިރަށް އިތުރުކޮށްފައި ވާކަމަށެވެ. އެއީ މިއަދުން ފެށިގެން، އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30އިން ހަވީރު 05:30އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:30އިން ރޭގަނޑު 08:00އަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް މިހާތަނަށް 2591 ފޯމު ލިބިފައި ވާކަމަށް އީސީން ބުންޏެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތި ލުމަށް ހުޅުވައިލީ މިމަހުގެ 17ވަނަ ދުވަހުއެވެ. އީސީން ބުނީ އިންތިޚާބު އޮންނާނީ އަންނަ އެޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ކަމަށެވެ.