މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ މައްސަލާގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ
- ސ. ހުޅުދޫ / ނާދީ، މުނާޛު ޖައުފަރު (24އ)
- ގދ. ގައްދޫ / އަތިރީއައްސޭރި، މުޙައްމަދު ނާއިޝް ނަބީލް (24އ)
- ސ. ހިތަދޫ / ހާލަމް، ޙަސަން ވިއާމް (19އ) އެވެ.
ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން 279600 އަށްވުރެ ގިނަ ފައިސާ ނަގާފައިވާކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުން ކަމަށެވެ. މި ޖަނަވަރީ މަހުގެ 27ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ގޭންގު ކްރައިމްއާއި ތިނަދޫ ސިޓީ ޕޮލިސް އަދި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ބައިވެރިވިިަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުނާޛު ޖައުފަރު 15 ދުވަހަށް، މުޙައްމަދު ނާއިޝް ނަބީލް ހަތްދުވަހަށް އަދި ޙަސަން ވިއާމް 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ކުރިން ހައްޔަރުކުރި މުޙައްމަދު ޢަލީގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ދަނީ ތަހުގީގު ކުރަމުންނެވެ.
މީގެ ކުރިން މި މައްސަލައިގައި ފުލުހުން ވަނީ10 މީހުން ހައްޔަރު ކޮށްފައެވެ.