ސްކޫލުގައި ކޮންމެ މާއްދާއެއް ކިޔަވައިދިން ކަމުގައި ވީނަމަވެސް، އެ މާއްދާއެއް އިސްލާމް ދީމުގެ އަސްލާއި ތަރަހައަށް ވެއްދުމަކީ މުދައްރިސުންގެ މަސްއޫލިއްޔަތެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގައި ބުނީ، އިސްލާމް ދީނުގައި މުދައްރިސުންގެ ދަރަޖަ އެތައް ގުނައަކަށް އުފުލިގެން ވާކަމަށެވެ. ވީމާ، މި މަސްއޫލިއްޔަތުގައި ކެތްތެރިވެ، ދަރިވަރުންނަށް ލޯތްބާއި އަދުލުވެރިކަމާ އެކު އިރުޝާދު ދިނުމަށް ޚުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.
ޚުތުބާގައި މައިންބަފައިންނަށް އަމާޒުކޮށް ބުނީ، ދަރިން މަދަރުސާއަށް ފޮނުވި ނަމަވެސް ބެލެނިވެރިންގެ ޒިންމާ ފުރިހަމައަށް އަދާވެ ނުނިމޭކަމަށެވެ.
"އެކުދިންނަށް ބޭނުންވާ ތަކެތި ހޯދައިދޭ ފަދައިން އެ ކުދީންނަށް ހިތްވަރުދީ، އިތުބާރު ވެސް ހޯދައިދޭށެވެ. ދަރިވަރުންގެ ސިއްހަތާއި އެކުދިންނަށް އަންނަ ޖިސްމާނީ އަދި ނަފުސާނީ ބަދަލުތަކަށް ހޭލުންތެރި ކުރުވައި އެންމެ ގާތް އެކުވެރިޔާއަށް ވާށެވެ،" ޚުތުބާގައި ބުންޏެވެ.
ތައުލީމީ ސިޔާސަތުތައް ޒަމާނާ ގުޅޭގޮތަށް މުރާޖައާކޮށް ހަރުދަނާ ކުރުމަށް މިއަދުގެ ޚުތުބާގައި ވަނީ ކަމާގުޅޭ އިދާރާތަކުގެ ވެރިންނަށް އިލްތިމާސްކޮށްފައެވެ. މަންހަޖުތަކާއި މުގައްރަރުތައް އިލާހީ މަންހަޖާ އެއްގޮތަށް، ދުރު ރާސްތާގެ ސާބިތު އަމާޒު ތަކެއްގެ މައްޗަށް ބިނާކުރުމަށް ޚުތުބާގައި ވަނީ ގޮވައިލައިފައެވެ.
"ތައުލީމުގެ އަސާސީ ބިންގާތަކަށް ލޮޅުން ނާރާނެހެން ކަންކަން ތަރުތީބު ކުރުމަކީ އަންނާން އޮތް ޖީލުތަކަށްޓަކައި ތިޔަބައިމީހުންގެ ކޮނޑުގައި އެޅިފައި އޮތް ބޮޑު މަސްއޫލިއްޔަތެކެވެ،" ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ، އިލްމު އުގެނނުމުގެ މަިއގަނޑު ބޭނުމަކީ ހަމައެކަނި މައުލޫމާތުތަކެއް ދަސްކޮށް އިމްތިހާނުތަކަކުން ފާސްވުން ނޫންކަމަށެވެ. އެއީ އިންސާނާގެ ބުއްދިއާއި ޒަމީރު ހޭލުއްވައި ދިރުވުން ކަމަށާއި އިލްމަކީ ޖާހިލު އަނދިރިން އިންސާނާ ނެރެދީ ހައްގާއި ބާތިލު ވަކިކޮށްދޭ ނޫރުކަމުގައި ޚުރުބާގައި ބުންޏެވެ.