އެމްއޭސީއެލުން ސެކިއުރިޓީ އޮފިސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗު އިފްތިތާހުކޮށްފި

2026-02-01 20.41.58

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން، އެއަރޕޯޓުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށާއި ފަންނީ މިންގަނޑުތައް ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސެކިއުރިޓީ އޮފިސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ހުޅުމާލެ އައިލެންޑް ހޮޓެލްގައި ބޭއްވުނު މި އިފްތިތާހީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރއޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް އެވެ.

މި ރަސްމިއްޔާތުގައި ހެޑް އޮފް އެސްޓޭޓް ސެކިއުރިޓީ ސަރވިސްގެ ޑިޕާޓްމަންޓް، ޖެނެރަލްމެނޭޖަރ ޙަސަން އަޝީތުގެ އިތުރުން އެޑިޕާޓްމަނޓުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް އިންނެވެ.

ފަސްދު ވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، އެމް.އޭ.ސީ.އެލްގެ އެސްޓޭޓް ސެކިއުރިޓީ ސަރވިސް (އީ.އެސް.އެސް) ގެ 28 އޮފިސަރުން ބައިވެރިވެ އެވެ.

އަމަލީ ތަމްރީނުތަކާއި، ތިއަރީ ހިމެނޭހެން ފަރުމާކޮށްފައިވާ މި ޕްރޮގްރާމްގައި ކިޔަވައިދެވޭ ބައިތަކުގެ ތެރޭގައި ގާނޫނީ އޮނިގަނޑުތަކާއި، ފަންނީ އަޚުލާގާއި، ޕެޓްރޯލް ކުރުމުގެ އުކުޅުތަކާއި، ހެކި ދެނެގަތުމާއި، އަމިއްލަ ނަފްސުގެ ދިފާއާއި، ޖިސްމާނީ ދުޅަހެޔޮކަން އަދި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ