ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް ތިން ކޮމިޓީއެއް އެކުލަވައިލަން ނިންމައިފިއެވެ.
އެކުލަވާލެއްވުމަށް ނިންމަވާފައިވާ ކޮމިޓީތަކަކީ:
- ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް "ޓޫރިޒަމް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ،"
- އިމާރާތްކުރުމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް "ކޮންސްޓްރަކްޝަން ސެކްޓާ އެޑްވައިޒަރީ ކޮމިޓީ"
- މަސްވެރިކަމާއި މެރިކަލްޗާގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް "ފިޝަރީޒް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ" \
ރައީސް އޮފީހުން މިއަދު ވަނީ މި ތިން ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފައެވެ.
މި ކޮމިޓީތަކުގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވާފައިވަނީ، މިއަދުން ފެށިގެން 16 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
ކޮމިޓީތަކުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެ ކަމަށް އެ އޮފީހުން ބުންޏެވެ. މި ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ވެސް ކުރެއްވޭނެއެވެ.