6055230703235960168

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ތަރައްގީކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި، މިނިސްޓްރީ އޮފް ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕްމަންޓާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ޚާއްސަ ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފިއެވެ.

މި ތަމްރީނުތަކަކީ ފޮޓޯގްރަފީ އަދި އާޓް ސްކިލްސްގެ ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަކެކެވެ. މިނިސްޓްރީން ބުނީ މި ކޯސްތަކުގައި ކިޔަވައިދިނުމާއި ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ ކަންކަން ބައްޓަންކޮށްފައިވަނީ، ބައިވެރިންގެ ޚާއްސަ ބޭނުންތަކަށް ރިއާޔަތްކޮށް، އެފަރާތްތަކަށް އެންމެ ފަސޭހަވާނެފަދަ އިންތިޒާމުތަކަކާ އެކުގައި ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ކުރިއަށްދާ ފޮޓޯގްރަފީ ކުލާސްތަކުގައި، ކެމެރާއާއި ފޮޓޯގްރަފީގެ ސާމާނު ބޭނުންކުރާނެ ގޮތުގެ އަމަލީ ތަމްރީނާއި، ފޮޓޯ އެޑިޓްކުރުމުގެ ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ހަމައެއާއެކު، އާޓް ސްކިލްސް ކޯހުގެ ބައިވެރިންނަށް ކުރެހުމުގެ ފަންނާއި، ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން އުފެއްދުންތެރި މަސައްކަތްތައް ކުރުމުގެ ތަމްރީނު ލިބިގެންދާނެ ކަމަށް ވެސް ބުންޏެވެ. މި ތަމްރީނުތަކުގެ މައިގަނޑު އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތެރިކަން އިތުރުކޮށް، ފަންނީ ހުނަރުވެރިކަން ތަރައްގީކުރުމެވެ.

މި ޕްރޮގްރާމުތަކުގައި ޖުމްލަ 22 މީހުން ބައިވެރިވިއެވެ. މި ޕްރޮގްރާމުގެ މުއްދަތަކީ ހަ މަސްދުވަހެވެ. މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިއުއޭ ގަބޫލުކުރާ ލެވެލް 3 ގެ ސެޓިފިކެޓެއް ލިބޭނެ ކަމަށެވެ.

މުޖުތަމައުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ބާރުއެޅުމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ އަމާޒުގައި ގިނަ މަސައްކަތްތަކއް އެ މިނިސްޓްރީން ކުރާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *