ރައީސްގެ ސްޕެޝަލް އެންވޯއިގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އެ މަޤާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ޖެފްރީ އެޕްސްޓެއިންއާ ގުޅޭ އެޕްސްޓެއިން ފައިލްގެ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. ރައީސް އޮފީހުން މިއަދު ބުނީ، އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ރައީސް އޮފީހަށް ލިބިފައި ވާކަމަށެވެ. މިކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.
ރައީސްގެ ސްޕެޝަލް އެންވޯއީއަކަށް ކުރީގެ ރައީސްކަން އަދި ނައިބު ރައީސްކަން ވެސް ކުރެއްވި ވަހީދު ހަމަޖެއްސެވީ މިދިޔަ އަހަރުގެ މެއި މަހުގެ 26ވަނަ ދުވަހުއެވެ.
އެޕްސްޓެއިން އަކީ ކުޑަކުދިންނާ ބެހުމާއި ޖިންސީ އެތައް ގިނަ ކުށެއްގެ ތުހުމަތު ކުރެވުނު ބިލިއަނަރެކެވެެ. އޭނާ ޖަލަށްލާފައި ހުއްޓާ މަރުވީ 2019ވަނަ އަހަރުއެވެ.
އެޕްސްޓެއިންއާ ގުޅޭ ފައިލްތަކެއް މިފަހުން ލީކުވެފައިވާއިރު، އެ ފައިލްތަކުގައި ވަހީދާއި އެޕްސްޓެއިންއާ ދެމެދު ދެކެވުނު ވާހަކަތަކެއް ހުއްޓެވެ. ވަހީދާއި އެޕްސްޓެއިންއާ ދޭތެރޭ ގާތް ގުޅުމެއް އޮންނަކަން މި ފައިލްތަކުން ހާމަވެއެވެ. މިފައިލްތަކުން ފެންނަ ގޮތުގައި ވަހީދާއި އެމަނިކުފާނުގެ އާއިލާއާ އެފްސްޓެއިން ވަނީ ބައްދަލުކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ވަހީދު ރަސްމީކޮށް އަދި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.