ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް އުފުލައި، އެ ކުއްޖާ ކުށްކުރުވުމަށް ބޭނުންކޮށް އެކްސްޕްލޮއިޓް ކުރިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ޑްރަގް އެންފޯސްމަންޓް އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖަންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މިދިޔަ އާދިއްތަ ދުވަހު މާލެ ސަރަހައްދުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:
- މ. ނާޒްލީމަންޒިލް / މާލެ، ޙަސަން ނުޢާޒު (28އ)
- ވ. ސެޓެލައިޓް / މާލެ، އަޙްމަދު ނަޢީމް (39އ)
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލާގައި އެކްސްޕްލޮއިޓް ކޮށްފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ.
ކުޑަކުދިން "ގްރޫމް" ކޮށްގެންނާއި، އެކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާމެދު ދިވެހި ފުލުހުންގެ ޚިދުމަތުން ހާއްސަ އިސްކަމެއް ދީގެން ފިޔަވަޅުތަކެއް އަޅަމުން އަންނަކަން އެެ އިދާރާއިން ފާހަގަކުރިއެވެ. މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ގާނޫނީގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުން ދާކަން ވެސް އެ އިދަރާއިން ފާހަގަކުރިއެވެ.