ކެންސަރުބަލީގެ ފަރުވާ އަތޮޅުތަކުގައި ފެށުމަކީ ޤައުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލައަގުވާމީގޮތުން ފާހަގަކުރާ ކެންސަރު ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަކުރާއިރު އެ ބަލިން ސަލާމަތްވެފައިވާ މީހުންނާއި ބައްޔާ ހަނގުރާމަ ކުރަމުންދާ މީހުން ދައްކަމުންދާ ހިތްވަރު ފާހަގަކުރައްވާ ކަމަށެވެ.
ކޮންމެ އަހަރަކުވެސް ކެންސަރު ބަލީގައި އެތައް ބަޔަކު އަޅުގަނޑުމެންނާ ވަކިވެގެންދާއިރު ކެންސަރާ ގުޅިގެން އާންމުން ހޭލުންތެރިކުރުމާއި ކެންސަރު ޖެހުން މަދުކުރުމަށް ފިޔަވަޅު އެޅުމާއި ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަން ހަނދުމަކުރަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދާދިފަހުން ރ. އުގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ކީމޯތެރަޕީގެ ޚިދުމަތް ފެށުމަކީ ކެންސަރު ބައްޔާ ގުޅޭގޮތުން ކުރަމުން އަންނަ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެެރުމެއް ކަމަށެވެ.
ރައީސް ވިދާޅުވީ އެއީ މާލެއިން އެކަނި މިފަދަ ޚިދުމަތްތައް ލިބުން ނިމުމަކަށް އައިސް އަތޮޅުތަކުގައިވެސް އެ ޚިދުމަތް ފުޅާކުރެވި، އެތައް ބަޔަކަށް އޭގެ ސަބަބުން މާލީ ގޮތުންނާއި ނަފްސާނީގޮތުންވެސް ލިބިގެންދިޔަ ލުއިތަކެއްކަމަށެވެ.
ރާއްޖޭގައި ކެންސަރު ޖެހިފައިވާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އެ މީހުންނަށް އުއްމީދު އައުކޮށްދިނުމުގައި ސިއްޙީ ޚިދުމަތްތެރިންނާއި އިޖުތިމާޢީ މަސައްކަތްތައް ކުރައްވާ ޖަމިއްޔާ ޖަމާއަތްތަކުން ކުރާ ބުރަ މަސައްކަތް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ބައިނަލްއަގުވާމީ ގޮތުން ކެންސަރު ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 4ވަނަ ދުވަހުއެވެ.