ރައީސް، ނިއުޒީލެންޑްގެ ވައިޓެންގްއީ ޑޭގެ ތަހުނިޔާ ފޮނުއްވައިފި

449076_17928cec-f_

ނިއުޒީލެންޑްގެ ވައިޓެންގްއީ ޑޭ ނުވަތަ އެ ޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ގަވަނާ ޖެނެރަލް އޮފް ނިއުޒީލަންޑް، ނިއުޒީލަންޑް އޯޑާ އޮފް މެރިޓް (ޖީއެންޒީއެމް)، (ކިއުއެސްއޯ) ހާ އެކްސަލަންސީ ޑޭމް ސިންޑީ ކީރޯ އަށާއި، ނިއުޒީލަންޑްގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ކްރިސްޓޮފާ ލަކްސޯންއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތަހުނިޔާ ފޮނުއްވައިފިއެވެ.

ނިއުޒީލަންޑްގެ ގަވަނަރު ޖެނެރަލަށް ރައީސް ފޮނުއްވި ސިޓީފުޅުގައި "ޓްރީޓީ އޮފް ވައިޓަންގްއީ"ގެ އަސާސްތައް ކަމަށްވާ އެއްބައިވަންތަކަމާއި، އެކުވެރިކަމާއި އިހްތިރާމް ކުރުމުގެ މައްޗަށް ބައްލަވާލައްވާފައިވެއެވެ. އަދި، މި އަސާސްތަކަކީ ނިއުޒީލަންޑްގެ ގައުމިއްޔަތު ބައްޓަންވެފައިވާ އަސާސްތަކެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވަނީ ރާއްޖެއާއި ނިއުޒީލަންޑާ ދެމެދު އޮތް އެކުވެރިކަމުގެ ބަދަހި ގުޅުން ފާހަގަކުރައްވައި، އެކި ދާއިރާތަކުން އެއްބާރުލުންދީ އެފަދަ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމި އޮތް ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ވަނީ ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ދެގައުމުގެ ގުޅުން ތަރައްގީވެ، ގާތް ރަހުމަތްތެރިކަމެއް އުފެދިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި، އެޤައުމުން ރާއްޖެއަށް މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، އެ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނޭ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ ގަވަރުނަރު ޖެނެރަލާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށާއި، ތަނަވަސްކަމާއި އަމާންކަމަށް އެދިވަޑައިގެން، ނިއުޒީލެންޑްގެ ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ.

މީގެ އިތުރުން މިއަދު ރައީސް ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ވެސް ވައިޓަންގްއީ ދުވަހާ ގުޅިގެން ޕޯސްޓެއް ހިއްސާކުރައްވާފައެވެ. މި ޕޯސްޓްގައި، ވައިޓަންގްއީ ދުވަހަކީ ކުރިއެރުމާއި ގައުމީ އެއްބައިވަންތަކަމާ ގުޅިފައިވާ މުހިންމު ދުވަހެއްކަން ފާހަގަކުރައްވާފައިވެއެވެ.

ނިއުޒިލޭންޑްގެ ފައުންޑިންގް ޑޮކިއުމެންޓް، "ޓްރީޓީ އޮފް ވައިޓަންގްއީ" ގައި ސޮއިކުރި ދުވަސް ފާހަގަކުރުމުގެ ގޮތުން، ކޮންމެ އަހަރެއްގެ ވެސް ފެބުރުވަރީ މަހުގެ ހަވަނަ ދުވަސް، އެ ޤައުމުން ފާހަގަކުރަނީ ވައިޓަންގްއީ ޑޭގެ ގޮތުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ