މަސްތުވާތަކެތީގެ މައްސަލައެއްގައި ފުވައްމުލަކުން ޒުވާނަކާއި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި

2_Suspects_1_4d1d106258

މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި ފުވައްމުލައް ސިޓީން ޒުވާނަކާއި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފިއެވެ.

މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:

  • ޏ. ފުވައްމުލައް / ފުނާޑު. އެލީނާ، މުޙައްމަދު މޫސާ (72އ)
  • ޏ. ފުވައްމުލައް / މިސްކިތްމަގު. ނިރިހާ، ޙުސައިން ސައިފު (33އ)

ފުލުހުން ބުނީ މި ދެ މީހުންގެ ތެރެއިން ޙުސައިން ސައިފު ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ. މި ފެބުރުވަރީ މަހުގެ ހަތަރުވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، އެ ރަށު މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 19 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

މީގެއިތުރުން މުޙައްމަދު މޫސާ ހައްޔަރުކޮށްފައިވަނީ ފުވައްމުލައް ސިޓީއާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓަކުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ. މި ފެބުރުވަރީ މަހުގެ ތިންވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައި ފުވައްމުލަކު މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ގަނޑެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 50.35 ގުރާމެކެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙުސައިން ސައިފު 15 ދުވަހަށް އަދި މުޙައްމަދު މޫސާ ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ