ދަހިކޮށް މަސް ބާނަންތިބެފަ އައިން ދޫކޮށްލީ އައިސް ލިބޭނެ ގޮތެއް ނެތުމުން: ބާޚިރާ

baakhira

ދަހިކޮށް މަސް ބާނަން ތިބެފަ އައިން ދޫކޮށްލީ އައިސް ލިބޭނެ ގޮތެއް ނެތުމުން ކަމަށް މިފަހުން އެންމެ ގިނަ މަސް އެއް ދުވަހުން ބޭނި ގދ.ފަރެސްމާތޮޑާ ބާޚިރާ ދޯނީގެ ކެޔޮޅު ބުނެފިއެވެ.

މަސްވެރިން އެމްވީއާ ވާހަކަދައްކަމުން އެދޯނީގެ ކެޔޮޅު މުޙައްމަދު ރަޝީދު ބުނީ ގިނައިން މަސް ބޭނެން ފެށުމުން އައިސް ހޯދުމަށް އެސަރަހައްދުގެ އެކި އައިސްޕްލާންޓްތަކަށް ގުޅިކަމަށާއި ނަމަވެސް އައިސް ލިބޭނެކަމުގެ އުންމީދެއް ނެތުމުން އެންއޮޑި އުކާލާފައި ދޯނި އަނބުރާލީ ކަމަށެވެ. އެހެންނޫންނަމަ އެއްވެސް އުނދަގުލަކާ ނުލާ 60 ވަރަކަށް ޓަނުގެ މަސް އެދުވަހު ބޭނުނީސްކަމަށް ކެޔޮޅު ބުންޏެވެ.

"އައިސް ހޯދަން ވަރަށް ގިނަ ތަންތަނަށް ގުޅައިގެންވެސް އައިސް ލިބޭނެ ގޮތެއްނެތިގެން އެންކޮޅު ދާޖަހާ އުކާލާފަ އަހަރެމެން އަވަހަށް ވަނީ އިތުރަށް ނުބާނާ. އެހެން ނޫންނަމަ ފަސްދޮޅަހަކަށްޓަނު މަސް އެއްވެސް އުނދަގުލަކާ ނުލާ ބޭނޭނެ އިރާދަކުރެއްވިއްޔާ. އަހަރެން ގުޅިން ގާތްގަނޑަކަށް ހައެއްކަ ޕްލާންޓަށް އައިސް ހޯދަން". ދޯނީގެ ކެޔޮޅު މުޙައްމަދު ރަޝީދު ބުންޏެވެ.

ބާޚިރާ ދޯންޏަކީ މަސްފިނިކުރާ ނިޒާމް ބޭނުންކުރާ ދޯންޏެކެވެ. އެދޯނީގައި ހުރި މަސް ފިނިކުރާ ނިޒާމުން ގާތްގަނޑަކަށް 27 ޓަނު މަސް ފިނިކޮށްގެން ގެންގުޅެވެއެވެ. ކެޔޮޅު ބުނީ އައިސް ހޯދަން ޖެހުނީ އެއްފަހަރާ މިހާ ގިނަ މަސް ބޭނުމުން ދޯނީގެ މަސް ފިނިކުރާ ނިޒާމްގެ ކެޕޭސިޓީއަށްވުރެ އިތުރު ވުމުން ކަމަށެވެ.

ބާޚިރާ ތ.ހިރިލަންދުއަށް މަސްކިރަނީ/ ފޮޓޯ: އަސްދާނު

ކެޔޮޅު ބުނީ އެދުވަހު މަސްބޭނީ ވަރަށް ބޯކޮށް މަސްހުރި އޮއިވާއްޔަކުން ކަމަށެވެ.

"މަސްބޭނީ އޮއިވާއްޔަކުން. އެދުވަހު އޭތި ނުވެއް ފެނޭ. އަޑީގަ އޮތީ. އެކަމަކު އެއީ އޮއިވާއްޔެއްކަމަށް ފާހަގަކުރެވުނީ ރޮނޑު އެއްޗެހި ފެނުނީމަ. ވަރަށް ބޯކޮށް މަސް ހުރި ތަނެއް އެއީ.  އަނެއް ދުވަހު އެތަނަށް ދިޔަ މީހުންނަށް އެ އޮއިވާލި ފެނިއްޖެ". ކެޔޮޅު ރަޝީދު ބުންޏެވެ.

އެދުވަހު ޖުމްލަ 48 ޓަނު މަސް ބޭނުނު ކަމަށް ކެޔޮޅު ބުންޏެވެ. އެ ދޯނިން ކޫއްޑުއަށް ކިރުވީ 41 ޓަނު 4 ސަތޭކަ ކިލޯއެވެ. ހިރިލަންދުއަށް ކިރުވީ 6 ޓަނު މަހެވެ. އަދި ހަލާކުވެގެން 700 ވަރަކަށް ކިލޯގެ މަސް އުކާލިކަމަށް ކެޔޮޅު ބުންޏެވެ.

ބާޚިރާ ތ.ހިރިލަންދުއަށް މަސްކިރަނީ/ ފޮޓޯ: އަސްދާނު

ބާޚިރާދޯނި ހޯމަ ދުވަހު މަސްބޭނި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު ހާހަކަށްވުރެ ގިނަ މީހުން މި ވީޑިއޯ ޝެއާކޮށް، އަދި 46 ހާހަށްވުރެ ގިނަ މީހުން ވަނީ މި ވީޑިއޯ ބަލާފައެވެ.

ބާޚިރާއަކީ ރާއްޖޭގެ އެންމެ ބޮޑެތި މަސްދޯނިފަހަރު ތަކުގެތެރޭގައި ހިމެނޭ އެންމެ ފުރިހަމަ އެއް މަސްދޯންޏެވެ. މި ދޯންޏަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު މަސްވެރިކަން ކުރާ ދޯންޏެކެވެ. ދޯނީގައި ގާތްގަނޑަކަށް 37 މަސްވެރިން ހަރަކާތްތެރިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ތިދޯނީ ގެ ކެޔޮޅަ ކީ މަށަށް އެނގޭ ގޮތުގައި ހަސަން ޒަރީރު

ފަހުގެ