ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ދޭ މަސްދަޅުކޭސް، މާލޭ ސަރަހައްދުގެ މަރުކަޒުތަކުން ދޫކުރާނެ އެންމެ ފަހު ދުވަހަކީ މާދަމާ ނޫން އަނެއް ދުވަސް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިނިސްޓްރީއާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ފެށީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ.
އެ ވުޒާރާއިން ބުނީ، މާލެ ސަރަޙައްދުގައި މަސްދަޅު ކޭސްތައް ދޫކުރަމުން ދާނީ މި ހިނގާ ފެބުރުވަރީ މަހުގެ 11ވަނަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެޔަކު 8:30 އިން 11:00 އަށް ކަމަށެވެ. މަސްދަޅު ކޭސް ދޫކުރާ ސުންގަޑިއަކީ ފެބުރުވަރީ 11ވަނަ ދުވަހުގެ ރޭގަނޑު 11:00އެވެ.
މާދަން ނޫން އަނެއް ދުވަހުގެ ފަހުން ރޯދަ ހަދިޔާ ބެހުން ކުރިއަށްދާނީ ހަމައެކަނި މިފްކޯގެ ފިހާރަތަކުންނެވެ.
އެ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުގައި މިހާތަނަށް މާލެ ސަރަޙައްދުގައި 43،923 މަސް ދަޅު ކޭސް ވަނީ ދޫކޮށްފައެވެ. މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކުރެވިފައިވާ ޑޮމެސްޓިކް މީޓަރުތަކުގެ އަދަދަކީ 65،230ކަން އެ ވުޒާރައިން ވަނީ ފަހަގަކޮށްފައެވެ. މަސްދަޅު ދޫކުރަނީ ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންނެވެ.
އަދި އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ވެސް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ރަށްރަށުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެ ރަށެއްގެ ކައުންސިލުންނެވެ.
މާލޭ ސަރަޙައްދުގައި 14 މަރުކަޒަކުން މަސްދަޅު ކޭސް ދޫކުރަމުންދާނެއެވެ. މަސްދަޅު ކޭސް ހޯދުމަށް ޓޯކަންއެއް ނަގަން ޖެހޭނެއެވެ. މި ޓޯކަން ނަގާނީ ރޯދަހަދިޔާ. އެމްވީ ޕޯޓަލްއިންނެވެ. ފަހު ވަގުތަށް މަޑުނުކުރައްވާ އަވަހަށް މަސްދަޅު ކޭހާ ހަވާލުވުމަށް ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.