ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ އާންމު ސަރަހައްދުތަކުގައި ނިވައިކަން ކުޑަ އަންނައުނާއި ބިކިނީ ފަދަ ތަކެތި ލައިގެން ބިދޭސީންނާއި ފަތުރުވެރިން އުޅޭ މައްސަލަ ހައްލުކުރުމަށް، ރައްޔިތުންގެ މަޖިލީހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
މި ޕެޓިޝަން ހުށަހަޅާފައިވަނީ، އިއްޔެ މަޖިލީހުން އިފްތިތާހުކުރި އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް (އީ-ޕެޓިޝަން ޕޯޓަލް) މެދުވެރިކޮށް ޝައިހް ޒަމްޒަމް ފާރިޝް އެވެ.
އެ ޕެޓިޝަނުގައި ބުނީ އާންމު ތަންތަނުގައި ނިވައިކަން ކުޑަ ފޭރާމުގައި އުޅުމުގެ ސަބަބުން އިސްލާމީ ރިވެތި އަހުލާގާއި ދިވެހި ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ މުއްސަނދި ސަގާފަތާއި އާދަކާދަތައް ނެތިދިއުމުގެ ބިރު އޮތް ކަމަށެވެ.
ސަތޭކަ ފަންސާން މީހުންގެ ސޮޔާއެކު ހުށަހެޅި އެ ޕެޓިޝަނުގައިވަނީ އެ މައްސަލަ ހައްލު ކުރުމަށް މިހާރު ހުރި ގަވާއިދުތައް ތަންފީޒުކުރުން މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމާއި ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު އަމަލުކުރާނެ ގޮތުގެ އާ ގާނޫނުތަކެއް އެކަށައެޅުމާއި އާންމު ތަންތަނުގައި ނިވައިކަން ކުޑަ ފޭރާމުގައި އުޅޭ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުމެވެ،
ޓޫރިސްޓުންނަށް ހާއްސަ ސަރަހައްދުތައް ކަނޑައަޅާފައިވާ ނަމަވެސް އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ޓޫރިސްޓުން އުޅޭ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.