ތިން ދުވަސްތެރޭ ފްލެޓުތައް ކައިރި އަނެއްކާ ވެސް ގޮނޑަކަށް، ގަވާއިދާ ޚިލާފަށް ކުނި އަޅާނަމަ ފިޔަވަޅު އަޅަނީ

HAuiZvsasAA7klV

މިދިޔަ ހޮނިހިރު ދުވަހު ސާފުކުރި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ފްލެޓުތައް ކައިރިއަށް މިއަދު އޮތީ ކުނި އަޅައިފައި ކަމަށާއި ގަވާއިދާ ޚިލާފަށް ކުނި އަޅާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

ހަމްދާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ސަރަހައްދުގައި ކުނި ގިނަވުމުގެ ސަބަބުން ސާފު ކުރީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. ނަމަވެސް މިއަދު އެތަނަށް ކުނިއަޅައި ގޮނޑުކޮށްފައި އޮތްކަން ފާހަގަކޮށް އޭނާ ލިޔުއްވީ ދިރިއުޅޭ މާހައުލަށް މި ގޮތަށް ކުނިއެޅުމަކީ އެކިއެކި ބަލިތަކަށް ހުޅުވޭ ދޮރެއްކަމަށެވެ. އަދި މިއީ ދިވެހީންގެ ދީނައި ސގާފަތާ ވެސް ބީރަށްޓެހި އަމަލެއްކަަށް އޭނާ ލިޔުއްވާފައި ވެއެވެ.

"އެފްޑީސީން މި ކުނިތައް ނައްތައިލި ކަމުގައިވިޔަސް، އެގްރިމެންޓުގައިވާ ގޮތާ ޚިލާފަށް ކުނިއަޅަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންގެންދާނެ ވާހަކަ ދަންނަވަން،" ހަމްދާން ލިޔުއްވާފައި ވެއެވެ.

މީގެއިތުރުން އޭނާ ވަނީ ގަވާއިދާ އެއްގޮތަށް ބަލްކް ވޭސްޓް ނައްތައިލާ ފަރާތްތަކަށް އެފްޑީސީގެ ނަމުގައި ޝުކުރު އަދާކުރައްވައިފައެވެ.

"ފްލެޓުތަކުގައި ދިރިއުޅުއްވާ ފަރާތްތަކަށް އަމާން ސާފު ވެއްޓެއް ގާއިމް ކުރެވޭނީ އެންމެެންގެ އެއްބާރުލުމާއެކު،" ހަމްދާން ލިޔުއްވާފައި ވެއެވެ.

އެފްޑީސީ ފްލެޓްތައް ލިބުން މީހުން ވަނީ އެ ފްލެޓްތަކަށް ބަދަލުވާން ފަށައިފައެވެ. މި މަރުހަލާގައި އުފެދޭ ގިނަ ބޮޑެތި ކުނިތައް ގިނަ ބަޔަކު އެ ސަރަހައްދަށް އަޅާ މައްސަަލަ މިފަހުން ވަނީ ފެންމަތިވެފައެވެ. އެގޮތުން އެ ސަރަހައްދަށް އަޅާފައިވާ ކުނިތަކުގެ ތެރޭގައި ބޮޑެތި ފޮށިގަނޑުތަކާއި ކޮތަޅާއި ގޯނި ފަދަ ތަކެތި ހިމެނެއެވެ.

ސޯޝަލް މީޑީއާގައި ދައުރުވަުންދާ ފޮޓޯތަކުން ފެންނަގޮތުގައި އެ ސަރަހައްދު ވަނީ ކުނިތަކުން ގޮނޑުވެފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ