ކުރުނބާ މޯލްޑިވްސް ބޭރުގައި އޮއްވާ ރޯވި މަސްދޯނީގެ ބައިތައް އޮޔާދާތީ ކަނޑުދަތުރުކުރާ އުޅަނދުތަކުން ސަމާލުވާން އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ 15 މީހުންނާ އެކު ކ. ދޫނިދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް "ފްރެޝް ފްރޮމް ދަ ސީ" ނަމަކަށް ކިޔާ ކަންނެލި މަސްވެރިކަން ކުރާ އެ ދޯނީގައި އަލިފާން ރޯވެގެން އަޑިއަށް ދިޔުމުގެ ސަބަބުން އެ ބޯޓާއި ބޯޓުގައި ހުރި ބައެއް ތަކެތި ދޫނިދޫގެ ހުޅަނގު އުތުރުން 0.38 ނޯޓިކަލް މޭލުން އޮޔާދާ ކަމަށެވެ.
އެހެންވެ، އެމްއެންޑީއެފުން ވަނީ ދަތުރުވެރިން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.
އެމްއެންޑީއެފުން ބުނީ އެ ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހާދިސާގައި ދޯނި އަޑިއަށް ދިޔަ ސަރަހައްދުން ފެށިގެން ދެކުނަށް ކަމަށެވެ.
މި ހާދިސާގައި މުޅި ދޯނި އަނދައިގެން ދިޔައިރު، ފުލުހުން ބުނީ ފަސް މީހަކު ފިހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެއްސަކާއި ތިން ބިދޭސީއަކު ކަމަށާއި އެ މީހުން މާލެ ގެނެސް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.