ޓީކްޓޮކްގައި ދިވެއްސަކު އިސްލާމް ދީނަށް ފުރައްސާރަކުރި މައްސަލަ ބަލަން އިސްލާމިކް މިނިސްޓްރީން ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ވަހީ އަންނަ ކަމަށާއި އިސްލާމީ އަގީދާ އަދި ކީރިތި މާތް ނަބިއްޔާއަށް ތައުހީނުވާ ގޮތަށް ވާހަކަދައްކާފައިވާ މީހާގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އަޅަން ކަމާބެހޭ އިދާރާތަކަށް މިދިޔަ އަންގާރަ ދުވަހު ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ޓިކްޓޮކްގައި ފިރިހެނަކު އާންމު ކުރި ވީޑިއޯތަކެއްގައެވެ. އެ ވީޑިއޯތަކުގައި އޭނާ ވަނީ މާތްﷲ އޭނާއަށް ވަހީ ބާވާލައްވާ ކަމަށާއި ވަހީ ބާވާލައްވަނީ ހަމައެކަނި ރަސޫލާއަށް ނޫން ކަމަށް ބުނެ ދީނަށް ފުރައްސާރަކޮށްފައެވެ. އަދި އޭނާއަކީ ޔޫސުފްގެފާނު ކަމަށް ބުނެ އަމިއްލައަށް ދައުވާވެސް ކޮށްފައިވެއެވެ.
ފުލުހުން މިއަދު ބުނީ ދީނަށް ފުރައްސާރަކޮށް، ސޯޝަލް މީޑިއާގައި ޕޯސްކޮށްފައިވާ ވީޑިއޯތަކެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލައާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ އަންނަ ކަމަށެވެ.