ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންސްތައް، ޓަރމިނަލް 2 (ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް)އަށް ބަދަލުކޮށްފިއެވެ.
ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް، ޓާމިނަލް 2 އަށް ބަދަލުކުރުމުގެ ގޮތުން އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަޠީފްއެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުން، އެމްއޭސީއެލްގެ ބޯޑް މެންބަރުން އަދި އެމްއޭސީއެލްގެ އިސްވެރިންނާއި ޓަރމިނަލްގެ އޮޕަރޭޝަންސްތައް ބަދަލުކުރުމުގައި ހަރަކާތްތެރިވި މުވައްޒަފުން ބައިވެރިވިއެވެ.
ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންސްތައް ޓަރމިނަލް 2އަށް ބަދަލުކޮށްފައި މިވަނީ ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ކަމަށް އެމްއޭސީއެލްއިން ބުންޏެވެ. މިބަދަލުތައް ގެނައުމުގެ މަސައްކަތް ކޮށްފައިވަނީ އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނެވެ.
އެގޮތުން އެ ކުންފުނިން ބުނީ، ކުރީގެ ޑޮމެސްޓިކް ޓާމިނަލްގައި 8 ޗެކް-އިން ކައުންޓަރު ހުރި ނަމަވެސް، ޓާމިނަލް 2 ގައި ޗެކް އިން ވުމަށް 27 ކައުންޓަރު ހުންނާނެ ކަމަށެވެ. އަދި ސެކިއުރިޓީ ކްލިއަރެންސްއަށް 3 މެޝިން ބަހައްޓާފައިވާއިރު، 6 ޑިޕާޗާ ގޭޓު ހުންނާނެ ކަމަށެވެ.
މީގެ އިތުރުން ޓާމިނަލް 2ގައި އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވަކި ދެ ނަމާދު ކޮޓަރިއާއި ކުޑަކުދިންގެ ކުޅޭ ސަރަހައްދަކާއި އެފްއެންޑްބީގެ ތިން އައުޓްލެޓް ހުންނާނެ ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ. އަދި އަންނަ ފަސިންޖަރުންގެ ދަބަސްތައް ނެގުމަށް ވެސް ބޮޑު ބަދަލެއް ގެނެސްފައި ވާކަން އެ ކުންފުނިން ފާހަގަކުރިއެވެ. އެގޮތުން ޓާމިނަލް 2ގައި ކުރީގެ ޑޮމެސްޓިކް ޓާމިނަލްގައި ހުރި ބެގޭޖް ބެލްޓަށްވުރެ ހަތަރު ގުނަ ބޮޑު ދެ ބެލްޓް ވަނީ ބަހައްޓައިފައެވެ.
މި ބަދަލުގެ މައިގަނޑު މަގުސަދަކީ ކުރީގެ ޑޮމެސްޓިކް އެއާޕޯޓުގައި ކުރިމަތިވާ ތޮއްޖެހުން ކުޑަކޮށް، ދަތުރުކުރައްވާ ފަސިންޖަރުންނަށް ވީހާވެސް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.