ޕޮލިސް ކޮމިޝަނަރު، އިސްމާއިލް ނަވީން ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވިކަން އިއުލާން ކުރައްވައިފި އެވެ.
ނަވީން ފުުލުހުންގެ ހިދުމަތުން ރިޓަޔާކުރެއްވީ އެ ހިދުމަތުގައި 31 އަހަރު އުޅުއްވުމަށް ފަހުގައެވެ.
ނަވީން ފޭސްބުކްގައި ބުނީ ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ އެ ހިދުމަތަށް ވަތް ގޮތަށް ފުލުހުންގެ ބެޖަށް ކުރާ އިހުތިރާމާއި މުއައްސަސާއަށް ކުރާ އިތުބާރާއި ގައުމަށް އޮތް ލޯބި އަދިވެސް އެގޮތަށް އޮންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ހިދުމަތްކުރުމަކީ ލިބުނު ފަހުރެއް ކަމަށެވެ.
ފުލުހުންގެ ހިދުމަތުން ނަވީން ރިޓަޔާކުރެއްވި ނަމަވެސް އެ ނިންމުން ނިންމެވި ސަބަބެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.
ނަވީން ރިޓަޔާކުރެއްވިއިރު އޭނާގެ ބަދަލުގައި ޕޮލިސް ކޮމިޝަނަރުކަން ވަގުތީ ގޮތުން ހަވާލުކުރެއްވި ބޭފުޅެއް މިހާތަނަށް އެ މުއައްސަސާއިން އަދި ހާމަކޮށްފައެއް ނުވެ އެވެ.