ތައުބާވުމަކީ ތަގުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާ ކަމެއްކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުުޠުބާގެ މައުޟޫއަކީ "ތަޤުވާވެރިވުމާއި ތައުބާގެ މައްސަރު!" މި މައުޟޫއެވެ.
ހުތުބާގައި ބުނީ، ރަމަޟާންމަސް އެތައް ގޮތަކުން މާތް الله މާތްކުރައްވައި މަތިވެރިކުރައްވާފައިވާ ކަމަށާއި އެ މައްސަރު މަތިވެރިކުރެއްވުމުގެ ސަބަބުތަކުގެ ތެރޭގައި އެ މައްސަރުގައި ކީރިތި ޤުރްއާން ބާވައިލެއްވުމާއި ޚާއްޞަ އަޅުކަމެއް އެ މަހުގައި ފަރުޟުކުރައްވައިފައިވުން ހިމެނޭ ކަމަށެވެ.
ޚުޠުބާގައި ބުނީ ތައުބާވުމަކީ ކޮންމެ މީހަކު ވެސް އެ މީހަކަށް ކުރެވިފައިވާ އެންމެހައި ފާފައިން އެއްކިބާވެ، އެ ކަންކަން ކުރެވުނު ކަމާ މެދު ދެރަވެ ހިތާމަކޮށް، އެ ކަމަށް އަރައިނުގަތުމަށް ޢަޒުމު ކަނޑައަޅައި ފާފަފުއްސެވުން އެދި އިޚުލާޞްތެރިކަމާއެކު މާތް اللهގެ ޙަޟުރަތުގައި ދުޢާދެންނެވުން ކަމަށެވެ.
ހުތުބާގައި ބުނީ މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާ ނަމަ އެ ޙައްޤު އަދާކުރުމާ އެކުގައި ކުރެވުނު ފާފައަކީ ކުޑަ ފާފައަކަށް ވިއަސް ނުވަތަ ބޮޑުފާފައަކަށް ވިއަސް އެ ފާފައަކުން ތައުބާވާންޖެހޭނެ ކަމަށެވެ.،
ހުތުބާގައި ވަނީ ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުމެއް ކަމަށް ބުނެފައެވެ. އަދި އެ މައްސަރުގައި ތިމާއަށް ކުރެވިފައިވާ އެންމެހައި ފާފައިން ތައުބާވުމަކީ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނީ ހާމަކަން ބޮޑު ގޮތުގައި ރޯދަމަހުގެ ދުވާލު، މީހުން ދިރިއުޅޭ ރަށްތަކުގައި ރެސްޓޯރެންޓު ފަދަ ތަންތަން ހުޅުވައިގެން އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ހިދުމަތްދިނުމަކީ ހުއްދަވާނޭ ކަމެއް ނޫންކަމަށާއި މީހުން ދިރިއުޅޭ ރަށްރަށުގައި މި ފަދަ ޚިދުމަތެއް ފަތުރުވެރީންނަށް ފޯރުކޮށްދޭ ފަރާތްތަކުން އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ޓަކައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސިދާނެ ކަމަށެވެ.