މާލެއިން ޒުވާނަކު ގެއްލިގެން ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
ގެއްލިގެން ހޯދަން އިއުލާނުކޮށފައި ވަނީ އުމުރުން 30 އަހަރުގެ ހ. ފެވަރިޓްވިލާ / މާލެ، އިބްރާހީމް އިމްތިޔާޒް ޢަލީއެވެ.
ފުލުހުން ބުނީ ފެބްރުއަރީ 13ވަނަ ދުވަހު މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި އިމްތިޔާޒް ގޭގައި އުޅެނިކޮށް އާއިލާގެ މެމްބަރުންނަށް ފެނިފައިވާ ކަމަށާއި ނަމަވެސް އެ ދުވަހު ގެއިން ބޭރަށް ދިޔަ ފަހުން ހަބަރެއް ނުވެ ގެއްލިފައިވާކަމަށް ފެބްރުއަރީ 17 ވަނަ ދުވަހުގެ ހަވީރު 17:15 އެހައިކަންހާއިރު އާއިލާއިން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވާކަމަށެވެ. މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުންގެ ކަމާގުޅުންހުރި ހުރިހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައެއް ނުވާކަމަށް ފުލުހުން ބުންޏެވެ.
އިމްތިޔާޒް ގެއްލުނުތާ ހަފުތާއެއް ވެފައިވާއިރު އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮސްފައެއް ނުވެއެވެ.
އިމްތިޔާޒްއާބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ހެންވޭރު ޕޮލިސް ސްޓޭޝަން ނަންބަރު 9400053އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.