އައްޑޫ ފޭދޫގައި މަސައްކަތް ކުރާ ސްރީ ލަންކާއަށް ނިސްބަތްވާ މީހަކު މިއަދު އިސްލާމްދީން ގަބޫލުކޮށްފިއެވެ.
މިޝްކާތް ފައުންޑޭޝަން ނަމަކަށް ކިޔާ ފޭސްބުކް ޕޭޖަކުން ވަނީ އޭނާ ޝަހާދަތް ކިޔާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކޮށްފައެވެ. މި ވީޑިއޯގައި ވަނީ މިއަދު އިސްލާމް ވީ ޖަޔަސިންހާ އަރަޗިގެ ވަރުނާ ޕްރަބާތް ސަދަރުވާން ނަމަކަށް ކިޔާ މީހެއް ކަމަށެވެ. އިސްލާމް ވުމަށްފަހު އޭނާގެ ނަން ވަނީ "ޢަބްދުﷲ އާދަމް"ގެ ނަމަށް ބަދަލުކޮށްފައެވެ.
އޭނާ އަކީ ފޭދޫގައި ހުންނަ ނަޔާ ސެލޫންގައި މަސައްކަތް ކުރާ މީހެއް ކަމަށް ވެސް މި ޕޯސްޓުގައި ވެއެވެ.
މިހާރު ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ފޭދޫގެ މިސްކިތެއްގައި އިމާމަކާއެކު އޭނާ ޝަހާދަތް ކިޔާ މަންޒަރެވެ. އިމާމުގެ އަޑުދަށުން އޭނާ ޝަހާދަތުގެ ދެކަލިމަ ތަކުރާރު ކުރަމުން ގެންދެއެވެ. އަދި އޭނާގެ ނަން ވެސް ވެސް އިމާމު ވަނީ އިއުލާނުކޮށްފައެވެ.
މިފަހުން ކ. ދިއްފުށީގައި ވެސް ވަނީ އަންހެން ފަތުރުވެރިއަކު އިސްލާމް ދީން ގަބޫލުކޮށް ޝަހާދަތް ކިޔައިފައެވެ.