މިދިޔަ 31 އަހަރުތެރޭ ފުރަތަމަ ފަހަރަށް ތެލެސީމިއާ ސެންޓަރުން ހުކުރު ދުވަހު ޚިދުމަތް ދޭން ފަށައި ތާރީޚީ ހެޔޮ ބަދަލެއް ގެނެސްފި އެވެ.
އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްްމަދު މުޢިއްޒު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފަ އެވެ.
އެމަނިކުފާނުގެ ޕޯސްޓްގައި ވިދާޅުވި ގޮތުގައި 1994 ވަނަ އަހަރު ޑިސެމްބަރު 29 ވަނަ ދުވަހު ތެލަސީމިއާ ސެންޓަރު ހުޅުވިފަހުން، ފާއިތުވި 31 އަހަރުގެ ދިގު ތާރީޚުގައި ރަސްމީކޮށް ހުކުރު ދުވަހެއްގައި އެ ސެންޓަރު ހުޅުވައި ޚިދުމަތް ދީފައިނުވެ އެވެ.
ނަމަވެސް، މިދިޔަ ހުކުރު ދުވަހުން ފެށިގެން، ކޮންމެ ހުކުރު ދުވަހެއްގައި ވެސް ތެލަސީމިއާ ސެންޓަރު ހުޅުވައި، ލޭ އެޅުމުގެ ޚިދުމަތް ދޭން ފަށާފައިވާކަން ރައީސްކަން ފާހަގަ ކުރެއްވި އެވެ.
"މި ރަމަޟާން މަސް ނިމުމުން ވެސް ހުކުރު ދުވަހު، ވަކި ގަޑިތަކެއްގައި ލޭއެޅުމުގެ ޚިދުމަތް ކުރިޔަށް ގެންދެވޭނެ. މީގެ ސަބަބުން އަތޮޅުތަކުން ހަފްތާ ބަންދުގައި މާލެ އައިސް ލޭ އަޅަން ބޭނުންވާ ފަރާތްތަކަށާއި، ލޭ ހަދިޔާކުރާ ފަރާތްތަކަށްވެސް ހުކުރު ދުވަހު ލޭ ހަދިޔާކުރަން އައުމަަށް ފަސޭހަވެގެންދާނެ," ގެނެވުނު ހެޔޮ ބަދަލާއި ގުޅޭގޮތުން ރައީސް ވިދާޅުވި އެެވެ.
ތެލަސީމިއާ ހުންނަ ފަރާތްތަކަށް ދިރިއުޅުމުގެ ކަންކަން ފަހިކޮށްދިނުމަށް ސަރުކާރުން ވަނީ މުހިއްމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން 30 އަހަރަށްވުރެ ގިނަ ދުވަސްވީ ތެލަސީމިއާ ސެންޓަރުގެ ޚިދުމަތްތައް ޒަމާނީ ވަޞީލަތްތަކާއެކު ހުޅުމާލޭގައިވަނީ އައު ސެންޓަރެއް ޤާއިމުކޮށްފައެވެ.