ފްލެޓާއި ގޯއްޗަށް އެދި މިހާތަނަށް 5000 އަށްވުރެ ގިނަ ފޯމު ހުށައެޅައިފިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުއެވެ.
ފޯމު ހުށައަޅަނީ އޮންލައިންކޮށް، "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށެވެ.
ހައުސިން މިނިސްޓްރީން ބުނީ، މިހާތަނަށް ޖުމްލަ 5067 މީހުން ފޯމު ހުށަހަޅާފަވާކަމަށެވެ. މީގެ ތެރޭގައި ގިނަ މީހުން ފޯމު ހުށަހަޅާފަވަނީ ފްލެޓަށް އެދިއެވެ.
އެގޮތުން ފްލެޓަށް އެދި 3434 މީހުން މިހާތަނަށް ފޯމު ހުށަހަޅާފަވެއެވެ. އަދި ގޯއްޗަށް އެދި 1633 މީހުން ވަނީ ފޯމު ހުށައަޅާފައެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ 15,000 ގޯއްޗެވެ.