އެކުވެރި ޢަރަބި އިމާރާތް، ޔޫއޭއީއާއި ރާއްޖެއާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޔޫއޭއީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝައިހް ރަހްމާ ބިން އަބްދުއްރަހްމާން އައްޝަމްސިގެ ވަދާޢީ ޒިޔާރަތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޔޫއޭއީގެ ސަފީރު ވަނީ އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރު ހަމަވުމާއި ގުޅިގެން ރައީސް މުއިއްޒުގެ އަރިހަށް މިއަދު އަރިއަހަށް ވަދާޢީ ޒިޔާރަތެއް ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ސަފީރުގެ ދައުރުގެ ތެރޭގައި ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ދޭދޭގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެއްވި މަސައްކަތާއި އެކަމުގައި ހޯއްދެވި ކާމިޔާބީއަށް އަލިއަޅުއްވާލައްވާ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މިދައުރުގެ ތެރޭގައި އުއްމީދީ މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ ރައީސްގެ ޒަޢާމަތުގައި ޤައުމުގެ ގުޅުން ހަރުދަނާކުރެއްވުމަށް ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ރާއްޖެއާއި ޔޫއޭއީއާ ދެމެދު ޚާރިޖީގުޅުން ޤާއިމުކޮށްފައިވަނީ 15 މާރިޗު 1978 ގައެވެ.