ރާއްޖެއިން ނޭޕާލަށް ކަނޑައެޅުއްވި ނޮން ރެޒިޑަންޓް ސަފީރު އައިޝަތު އަޒީމާ، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ނޭޕާލް ގެ ރައީސް ރައިޓް އޮނަރަބަލް ރާމްޗަންދުރަ ޕައުޑެލްއަށް މިއަދު އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ޚާއްސަ ރަސްމީޔާތު އޮތީ ކަތުމަންޑޫގައި ހުންނަ ނޭޕާލްގެ ރައީސްގެ އޮފީސް ކަމުގައިވާ، ރާޝްތުރަޕަތީ ބަވަންގައެވެ
ރާއްޖެއިން ނޭޕާލަށް ކަނޑައަޅުއްވާ ނޮން ރެޒިޑަންޓް ސަފީރުކަމުގެ މަގާމާ އަޒީމާ ޙަވާލުވެވަޑައިގަތުމުން އެ ކަމަނާއަށް ނޭޕާލްގެ ރައީސް ރާމްޗަންދުރަ ޕައުޑެލް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެ އާއި ނޭޕާލް އާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި ސަފީރުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނޭކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ނޭޕާލް ގެ ރައީސް އެ ކަމަނާއަށް ވިދާޅުވި ހޫނު މަރުހަބާއަށް ސަފީރު ޝުކުރު އަދާކުރެއްވިއެވެ. އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ނޭޕާލްގެ ރައީސަށާއި އެ ޤައުމުގެ ރައްޔިތުންނަށް ހެޔޮ އެދުމާއި ތަހުނިޔާ ރައްދު ކޮށްދެއްވިއެވެ.
ސަފީރުގެ ފަތްކޮޅު އެރުވުމަށްޓަކައި ނޭޕާލަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ނޭޕާލްގެ ޚާރިޖީ ވަޒީރާއި، މިނިސްޓާ އޮފް ހެލްތު އެންޑް ޕޮޕިއުލޭޝަން، އަދި ފޮރިން ސެކްރެޓަރީ ގެ އިތުރުން އެ ޤައުމުގެ ސަރުކާރުގެ އޮފިޝަލުންނާއި ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޒީމާ، ރާއްޖެއިން ނޭޕާލްއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑަންޓް ސަފީރުކަމުގެ މަޤާމަށް ރައީސް އައްޔަން ކުރެއްވީ 17 ޖޫން 2025ގައެވެ. އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ މުޙައްމަދު ނަޖީލް އެ ކަމަނާގެ އަރިހުގައި، އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.