ޔުނީފޯމްއެޅި މުއައްސަސާތަކުގައި އަންހެން މުވައްޒަފުން މަސައްކަތް ކުރަނީ ޒިންމާދާރުކަމާއެކު: ދިޔާނާ

Screenshot 2026-02-24 at 21.45.41

ޔުނީފޯމްއެޅި މުއައްސަސާތަކުގައި އަންހެން މުވައްޒަފުން މަސައްކަތް ކުރަނީ ގޮންޖެހުން ބޮޑު އެހެންނަމަވެސް ޒިންމާދާރުކަމާއެކީގައި ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވެއްޖެއެވެ.

ދިޔާނާ މިފަދައިން ވިދާޅުވީ ރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ދިފާއީ ހިދުމަތުގެ ދާއިރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ބާރުވެރިކުރުމަށާއި، އަންހެން މުވައްޒަފުންގެ ލީޑަޝިޕް ގާބިލުކަން އިތުރުކުރުމަށް ހަރަކާތްތެރިވާނެ މުވައްޒަފުން މެންޓާސްގެ ގޮތުގައި ބިނާކުރުމަށް ކުރިއަށް ގެންދިޔަ "ޓްރެއިނިން ފޯ ވިމެން މެންޓާސް" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ ގާނޫން ތަންފީޒުކުރާ، ޔުނީފޯމްއެޅި މުއައްސަސާތަކައް ބަލާއިރު އަންހެން މުވައްޒަފުން، މުޖުތަމައުގައި ކުށްކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުން ފެށިގެން ގޮސް ޓްރެފިކް ބެލެހެއްޓުމަށާއި ބޯޑަރުގައި މުދާ ބަލައި ފާސްކުރުމުގައި އަންހެން މުވައްޒަފުން ހަރަކާތްތެރިވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރަށް ރާއްޖެ އަންނަ ފަސިންޖަރުންގެ ކަންކަން ބެލެހެއްޓުމާއި، ޖަލުތަކުގައި ގައިދީންނާ ގުޅުންހުރި ކަންކަން ބެލެހެއްޓުން ފަދަ މުޖުތަމައުއަށް ބޭނުންތެރި އަދި ގޮންޖެހުންތައް ގިނަ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަންހެން މުވައްޒަފުން ހަރަކާތްތެރިވަނީ ޒިންމާދާރުކަމާއެކުގައި ކަމަށް ދިޔާނާ ވިދާޅުވިއެވެ.

"އަދި މިފަދަ ތަމްރީންތަކުގެ ޒަރިއްޔާއިން މުއައްސަސާތަކުގައި އަންހެން ލީޑަރުން އުފެދޭ މިންވަރު އިތުރުވެ، ގާނޫނު ތަންފީޒުކުރުމާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އަންހެނުންނަށް ދިމާވާ ގޮންޖެހުން ތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި އަންހެން އޮފިސަރުންނަށް ހާއްސަކުރެވިގެން މިފަދަ ގިނަ ތަމްރީން ޕްރޮގްރާމްތައް ހިންގުމަކީ މުހިންމު ކަމެއް،" އޭނާ ވިދާޅުވިއެވެ.

މިމަހުގެ 8 އިން 12އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި، މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އަންހެން މުވައްޒަފުން ހިމެނޭހެން 24 މުވައްޒަފުން ބައިވެރިވިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ މާލޭ ކެންޕަސްގައެވެ. މި ޕްރޮގްރާމްގެ ތެރެއިން އަންހެން ލީޑަރޝިޕްގެ މުހިންމުކަމާއި އަންހެނުންނަށް ވެސް އެކި ދާއިރާތަކުން ކުރިއަރައިގެންގޮސް އެ މަސައްކަތް ކުރަމުންދާ މުއައްސަސާއެއް ނުވަތަ މުޖުތަމައުއަކަށް ރަނގަޅު ހިދުމަތްތަކެއް ކުރެވޭނެކަން އަންގައިދީފައިވެއެވެ.
އަދި ލީޑަޝިޕް ޑައިވާސިޓީ އެންޑް އިންކުލޫޝަންގެ މުހިންމުކަން އުނގަންނައިދީ އެކި ބާވަތުގެ މީހުންނަށް ފުރުސަތުދީ، ވިސްނުމާއި ހުނަރުގެ ބޭނުންކޮށްގެން ކާމިޔާބީއާ ހަމައަށް ވާސިލުވެވޭނެ ގޮތްތައް ކިޔައިދީފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ