ސިނަމާލެ ބްރިޖު ކައިރީގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކު މަރުވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ މާލެ ބޮޑުތަކުރުފާނު މަގު ބްރިޖު ލައިޓްކައިރިން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ގޮސް ޕޭވްމަންޓު މައްޗަށް އަރައި އެކްސިޑެންޓް ވެފައިވާ މައްސަލަ ރޭ ދަންވަރު 1:39ގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގި އިރު ސައިކަލު ދުއްވަން އިން 19 އަހަރުގެ ދިވެހި ފިރިހެން މީހާ އާއި 16 އަހަރުގެ ޒުވާން ދިވެހި ފިރިހެން ކުއްޖާއަށް އަނިޔާވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ކުއްޖާއަށް ފަރުވާދެމުންދަނިކޮށް މަރުވެފައި ކަމަށެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ހިޔަލީގުލްޝަން، ބ. ދަރަވަންދޫ، މުހައްމަދު ނިހާނު ނާޒިމެވެ.
އެކްސިޑެންޓްވި ސައިކަލު ދުއްވަން އިން 19 އަހަރުގެ ފިރިހެން މީހާ އަތުގައި އޭ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.