ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ދޭ މަސްދަޅުކޭސް، މާލޭ ސަރަހައްދުގައި ދޫކުރާނެ އެންމެ ފަހު ދުވަހަކީ ރޯދަ މަހުގެ15ވަނަ ދުވަސް ކަމަށްސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް، ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން މާލެ ސަރަޙައްދުގައި ބަހަން ފެށީ މިދިޔަ ޖަނަވަރީ މަހުގެ 24 ގައެވެ. އޭރު މާލޭގެ 15 މަރުކަޒުން މަސްދަޅު ކޭސް ދޫކުރިއެވެ. މާލޭ މަރުކަޒުތަކުން މަސްދަޅުކޭސް ދޫކުރުން ހުއްޓައިލީ ފެބްރުވަރީ މަހުގެ 11 ވަނަ ދުވަހެވެ.
މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ރޯދަ ހަދިޔާގެ މަސްދަޅު ކޭސް، މާލޭ ސަރަޙައްދުގައި މިހާރު ދޫކުރަމުންދާ އެމްސީއެލްޕީގެ ޕަބްލިކް ވޯކްސްއާއި، ހުޅުމާލޭ ފޭސް 1 އާއި އަދި ފޭސް 2ގެ މިފްކޯގެ ފިހާރައިން ރޯދަ މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ދޫކުރަމުންދާނެ ކަމަށެވެ.