332591_3b6f2680-8_

އީރާނު-އެމެރިކާ ހަނގުރާމަ: ރާއްޖެއަށް ދިމާވާ ދަތިތައް ހައްލުކުރަން ވަޒީރުންގެ ކޮމިޓީއެއް އުފައްދައިފި

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ ހާއްސަ ކޮމިޓީއެއް މިއަދު އުފައްދަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު އެކްސްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ކޮމިޓީ އުފެއްދެވީ މިއަދު މެންދުރުފަހުގައި ކަމަށެވެ.

ރައީސް އުފައްދެވި ކޮމިޓީގައި ނުވަ ވަޒީރުން ތިއްވަބައެވެ. އެ ކޮމިޓީގެ ޗެއާއަކީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލެވެ.

ކޮމިޓީގައި ތިއްބަވާ ވަޒީރުން

  • ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް (ކޮމިޓީގެ ޗެއާ) 2
  • ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން
  • ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
  • ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން
  • ހޯމް މިނިސްޓަރު އަލީ އިހްސާން
  • ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް
  • ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު
  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ހީނާ ވަނީ އެ ކޮމިޓީން އިތުރު މައުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.

އިޒްރޭލާ ގުޅިގެން އެމެރިކާއިން މިއަދު ވަނީ އިރާނަށް ހަމަލާދޭން ފަށައިފައެވެ. އެ ހަމަލާއާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުގައި ހުންނަ އެމެރިކާގެ ބޭސްތަކަށް އިރާނުންވެސް ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ހަނގުރާމައާ ގުޅިގެން ރާއްޖެއިން ވަނީ މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށް ޓްރެވެލް އެޑްވައިޒަރީއެއްވެސް ނެރެފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!