މެދުއިރުމަތީގެ ގައުމުތަކުގެ މެދުގައި މިހަރު ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގެ ވައިގެ ސަރަހައްދު ބަންދުކޮށް ފްލައިޓުތައް ކެންސަލް ވުމާ ގުޅިގެން، އިތުރު ފްލައިޓުތައް ރާއްޖެ ގެނައުމުގެ މަސައްކަތް ކޔރަމުން ދާކަމަށް ޓްރާންސްޕޯޓް މިނިސްޓރްީން ބުނެފިއެވެ.
މެދުއިރުމަތީގެ ގައުމުތަކުގެ މެދުގައި ހަމަލާތައް ބަދަލުކުރަން ފަށައި ވައިގެ ސަރަހއްދު ބަންދުކުރީ އިއްޔެގެ ވަގުތެއްގައެވެ. އެކަމުގެ ސަބަބުން 1400 އެއްހައި ފަތުރުވެރިން ނުފުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތާށިވެފައި ވާކަމަށް އިއްޔެ ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
ޓްރާންސްޕޯޓްެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލުތަކާއި އެ ސަރަހައްދުގެ ވައިގެ ސަރަހއްދު ބަންދުކުރުމާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތު ގާތުން މޮނީޓާ ކުރަމުން ދާކަމަށެވެ.
ދުނިޔޭގެ މަދަނީ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމަށް މިކަމުގެ ސަބަބުން ކުރިމަތިވެދާނެ އަސަރުތައް ބަލާކަމަށާއި، މެދުއިރުމަތިން ރައްޖެއަށް ކުރާ ދަތުރުތަކަކީ ރާއްޖޭގެ އިގްތިޞާދާ ގުޅިފައިވާ މުހިންމު ދަތުރުތަކެއްކަން މިނިސްޓްރީން ފަހަގަކުރިއެވެ. މި ބަދަލުތަކާ ގުޅޮގެން ރާއްޖެއަށް ދަތުރުކުރާ މައިގަނޑު އެއާލައިންތަކާއި ކަމާ ގުޅުންހުރި ގައުމީ އަދި ބައިނަލްއަގްވާމީ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން ދާކަމަށް ވެސްމިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ، މެދުއިރުމަތީގެ ދަތުރުތައް ކެންސަލްވި ނަމަވެސް މިހާތަނަށް އެހެން ފްލައިޓުތައް ޝެޑިއުލާ އެއްގޮތަށް ދަތުރުކުރަމުން ދާކަމަށެވެ.
"މީގެއިތުރުން މިހާލަތުގެ ސަބަބުން ކުރާ އަސަރު ކުޑަކުރުމަށްޓަކައި ދެކުނު އިރުމަތީ އޭޝިއާ، އިރުމަތީ އޭޝިއާ އަދި ެއިންޑިއާގެ އިތުރު އެއާލައިންތަކުން ރާއްޖެއަށް ގެނައުމާ ގުޅޭގޮތުން މިނިސްޓްރީން ދަނީ އެ ފަރާތްތަކާ މަޝްވަރާ ކުރަމުން،" މިނިސްޓްރީން ބުންޏެވެ.
ރާއްޖެއިން މެދުއިރުމަތީގެ ގައުމުތަކަސް ކުރާ ދަތުރުތައް ހުއްޓިފައި ވާއިރު، މިއަދު ވެސް14 ފްލައިޓު ކެންސަލްވެފައި ވެއެވެ.