އަންނަ މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކަން އެއްވެސް ދައްޗެއް ނެތް ކަމަށާއި މިވަގުތު ވެސް ރިޒާވްގައި 650 މިލިއަން ޑޮލަރު އެބަހުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގައި 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ ސުކޫކު އަންނަ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހު އަނބުރާ ދައްކަންޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ، އެ 500 މިލިއަން ޑޮލަރުގެ ސްކޫކު އަންނަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ދައްކަން ނިންމާފައިވާ ކަމަށާއި އެ ކަމަށް ބޭނުންވާ ފައިސާވެސް އެބަހުރި ކަމަށެވެ.
"8 އޭޕްރިލް 2026 ގައި ދެއްކުމަށްޓަކައި މިހާރު އަޅުގަނޑުމެން އަތުގައި ރައްކާކޮށްފައި އެބަހުރި 650 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ،" ރައީސް ވިދާޅުވިއެވެ.
އެކަމުގެ ތަފްސީލްތައް ދެއްވައި ރައީސް ވިދާޅުވީ، ރޭގެ ނިޔަލަށް ސަވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގައި 320 މިލިއަން ޑޮލަރު އަދި ޔޫސަބަލް ރިސާވްގައި 330 މިލިއަން ޑޮލަރު އެބަހުރި ކަމަށާއި އެހެންކަމުން 500 މިލިއަން ޑޮލަރުގެ ސްކޫކު ދެއްކުމަށް ފަހު 150 މިލިއަން ޑޮލަރު ބާކީވާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ބޭރުގެ ދަރަނީގެ އިތުރުން، ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ވެސް ދައްކަމުން އަންނަ ކަމަށާއި އަންނަ ހަފްތާގައި އިތުރު 200 މިލިއަން ދޫކުރަން ނިންމާފައިވާ ކަމަށެވެ.