ޗާގޯސްގެ ޖަޒީރާ ރަށްތަކާ މެދު އުފެދިފައިވާ ހިލާފުތަކާ ގުޅިގެން، ރާއްޖެއާއެކު ހާރިޖީ ގުޅުން ސަސްޕެންޑްކުރަން މޮރިޝަސްގެ ސަރުކާރުން ނިންމި ނިންމުމަކީ ތާކުންތާކު ނުޖެހޭ ނިންމުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ ރާއްޖެއާ ގުޅުން ކަނޑާލިޔަސް މޮރިޝަސްއަށް ހައްގު ނޫން ތަނެއް އެ ގައުމަށް ހައްގު ނުވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެއްވެސް ގައުމަކާ ޗާގޯސް ހަވާލުކުރާ ނަމަ، ކުރަން ޖެހޭނީ އެ ތަނުގެ ހައްގުވެރި ފަރާތާ ކަމަށާއި އެއީ ރާއްޖެ ކަމަށެވެ.
"އެހެންވީމަ އެ ފެކްޓް ބަދަލެއް ނުވާނެ ގައުމަކުން މި ގައުމާ ގުޅުން ކަނޑާލުމަކުން. މަޝްވަރާ ކުރުމެއް ނެތި އަމިއްލަފުޅަށް ނިންމުމެއް ނިންމީ ވަރަށް ނައިވް، ވަރަށް އިމެޗުއާ. ރާއްޖޭގެ ސްޓޭންޑް ބަދަލެއް ނުވާނެ. ރާއްޖެ ކުރިއަށް ދާނީ މޯލްޑިވްސް ފަސްޓް ޕޮލިސީއާ އެކީގަ،" ރައީސް ވިދާޅުވި އެވެ.
އިނގިރޭސި ވިލާތުން ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޫކޮށްލުމަށް ނިންމާފައިވާ ނިންމުން ހުއްޓުވުމަށް، އެކަމާ ދެކޮޅަށް ގާނޫނީ ގޮތުން މަސައްކަތް ކުރުމަށް ރާއްޖޭން ތައްޔާރުވަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.