މަސްވެރިކަމާއި ގުޅޭ

ތުންދަމާހިކާ - ފޮޓޯ: ރޮބަރޓް ހާޑިނގް

ތުންދަމާހިކާ

މިއީރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި ގިނައިންއުޅޭ މަހެކެވެ.

ދިވެހިން އާދަވެގެން ކައިއުޅޭ މަހެއްނޫނެވެ. މަހުގައި ބޮޑެތި ހުޅުނބުތަކެއް ހުރެއެވެ. ފަރުބޭރަށް ނަނު ފައްތައިގެން އުޅޭއިރު ބައެއްފަހަރު މިމަސްބޭނެއެވެ. މިބާވަތުގެ މަހުގެ އެންމެ ފާހަނގަކުރެވޭ ސިފައަކީ މަހުގެ ތުންގަނޑުދަމާ ކުރިއަށްނެރޭ ނެރުމެވެ. މިމަހުގެ ކާނާ ޝިކާރަކުރުމުގައި މިތުނބުގެ ފުރިހަމަ ބޭނުން ވަރަށް މޮޅަށް ކުރެއެވެ. ފުދޭވަރެއްގެ ދުރުމިނުންވެސް ކާނާ ޝިކާރަކުރާކަށް މިމަހަކަށް އުނދަގުލެއްނުވެއެވެ. މިއީ އެހާ ހަރަކާތްތެރި މަހެއްނޫނެވެ. މަހުގެ ކާނާއަކީ ކުދިމަހާއ،ި ކަކުންޏާއި، ޑިނގާއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކަށްޓާއިއެކު 10 މަޑުކަށި ހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއިއެކު 8 ނުވަތަ 9 މަޑުކަށިހުރެއެވެ. މަހުގެ ހަށިގަނޑު އާދައިގެ ހިކާ ބާވަތްތަކާ އަޅާބަލާއިރު ވަރަށް ފުޅަލެވެ. މަހުގެ ނިގޫކޮޅުގެ މަތި ކައިރިއާއި ތިރީ ކައިރި ހުންނަނީ މަހުގެ ފަހަތަށް ދިގުކޮށެވެ. އަންހެންމަހުގެ ކުލައަކީ ރީނދޫ ނުވަތަ މުށިކުލައެވެ. އަދި ފިރިހެން މަހުގެ ހުޅުނބުތަކުގެ ކައިރިފަށް ހުންނަނީ ފެހިކުލައިގައެވެ.

މަހުގެ ކޮތަރިތައް ހުންނަނީ ފަހަތަށް ދިގުކޮށެވެ. މިބާވަތުގެ ޅަމަހާއި ބޮޑެތިމަހުގެ ކުލަ ތަފާތެވެ. މިމަސް 35 ސެންޓިމީޓަރަށް ބޮޑުވެއެވެ. މިމަހަށް ކިޔާ ވަކިނަމެއް ރެކޯޑްކުރެވިފައި ނެތުމާއިއެކު މިމަހުގެ ހުންނަ އާދަޔާ ޚިލާފް ސިފައަށްބަލާ، މަހަށްކިޔާ އިނގިރޭސި ނަމާއިވެސް ގުޅޭގޮތަށް "ތުންދަމާހިކާ" ކިޔާފައިވަނީއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Slingjaw wrasse
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!