large_1571862027337sg0

ހަނގުރާމައަށް ގޮސް ތުރުކީގައި ތާށިވި ދެމައިން ރާއްޖެ ގެނެސްފި

ސީރިއާގައި ހިނގަމުން ދިޔަ ހަނގުރާމަ އަށް ދިއުމަށް ފަހު، ތުރުކީގައި ތާށިވެފައި ތިބި ދިވެހި އަންހެނަކާއި އޭނާގެ 14 އަހަރުގެ ދަރިފުޅު ރާއްޖެ ގެނެސް ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ހަނގުރާމަތަކުގައި ބައިވެރިވާން ރާއްޖެއިން ދިޔަ ބައެއް މީހުންނާއި އެފަދަ މީހުން ގެންދިޔަ އާއިލާގެ މީހުން ރާއްޖެ ނާދެވި ހާލުގައި ޖެހިފައި އެބަ ތިބި ކަމަށެވެ.

މިނިސްޓަރު ވަނީ އެ ފަރާތްތައް ރާއްޖެ ގެނައުމަށް ރައީސް ޑރ. މުހައްމަދު މުިއިއްޒު އަންގަވާފައިވާ ކަމަށާއި އެ މަސައްކަތުގެ ދަށުން އެ ހަނގުރާމައިގައި ބައިވެރިވާން ދިޔަ 23 މީހަކު މީގެ ކުރިން ވެސް ރިހެބިލިޓޭޓްކޮށްފައިވެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދަނީ ސީރިއާގެ ދެ ސަރަހައްދެއްގައި ތިބި 60 ވަރަކަށް މީހުން ގެނައުމުގެ މަސައްކަތާއި އެހެން ބައެއް ގައުމުތަކުގައި ތާށިވެފައި ތިބި މީހުން ގެނައުމުގެ މަސައްކަތެވެ.

މިނިސްޓަރު ވިދާޅުވޯ، ރާއްޖޭގެ ތިން ރައްޔިތަކު ތުރުކީއަށް ހިޖުރަކޮށް އެ ތަނުގައި ތާށިވެފައި އެބަ ތިބި ކަމަށާއި އެ ތިން މީހުން ރާއްޖެ ގެނައުމުގެ މަސައްކަތުގެ ތެރެއިން 14 އަހަރުގެ އަންހެން ކުއްޖަކާއި އެ ކުއްޖާގެ މަންމަ ރާއްޖެ ގެނެސް ހިންމަފުށީގައި ހުންނަ ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރު (އެންއާރުސީ)ގައި އެމީހުންނަށް ފޯރުކޮށްދޭން ޖެހޭ ކަންކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އެންއާރުސީ އަކީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރާ ގާނޫނުގައި ބަޔާންކުރާ ކަހަލަ ހަނގުރާމަވެރި ސަރަހައްދުތަކުން ނުވަތަ އެ ކަހަލަ ހަނގުރާމައެއްގައި ބައިވެރިވުމަށް ފަހު، އަނބުރާ ރާއްޖެ އަންނަ ނުވަތަ ގެނެވޭ މީހުން މުޖުތަމައު އަށް ދިއުމުގެ ކުރިން ރިހެބިލިޓޭޝަން އަދި ރިއިންޓެގްރޭޝަން ޕްރޮގްރާމް ހިންގުމަށް ކަނޑައަޅާފައިވާ މަރުކަޒެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!