ސިފައިންގެ 72ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހު ކޮށްފި

Screenshot 2026-03-07 at 21.05.00

ސިފައިންގެ 72ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހު ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މިކަމަށްޓަކައި މިއަދު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިން އޮފިސަރު، ބްރިގޭޑިއާ ޖެނެރަލް ޢަބްދުﷲ އިބްރާހީމްއެވެ.

މި ރަސްމިއްޔާތުގައި ބްރިގޭޑިއާ ޖެނެރަލް ޢަބްދުﷲ އިބްރާހީމް ވަނީ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިންނާއި މުދައްރިބުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ކޮމާންޑިން އޮފިސަރުގެ ވާހަކަފުޅުގައި ސިފަވަންތަ ހަރުދަނާ ސޯލްޖަރުންގެ ގޮތުގައި ދެމިތިބުމަށާއި، މި ތަމްރީނުން ފާސް ވުމަށް ގަދައަޅައި މަސައްކަތްކުރުމަށް ދަރިވަރުންނަށް އިލްތިމާސް ކުރެއްވިއެވެ. މީގެ އިތުރުން މުދައްރިބުން ދަރިވަރުންގެ ސަލާމަތަށް ބަލައިގެން ތަމްރީނުގެ ހުރިހާ މަރުހަލާއެއް ކުރިއަށްގެންދެވުމަށް ވެސް އިލްތިމާސް ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މުދައްރިބުންނަށް ވައުދު ލައިދިނުމާއި، ދަރިވަރުންނަށް އިޤުރާރު ލައިދިނުން ވެސް އޮތެވެ. ކޯހުގެ ދަރިވަރުންނަށް އިޤުރާރު ލައިދެއްވާ އަދި މުދައްރިބުންނަށް ވައުދު ލައިދެއްވީ ފަސްޓް ލެފްޓިނެންޓް އަސްލަމް އަތޯ މުޙައްމަދުއެވެ. 72 ވަނަ އަސާސީ ތަމްރީނު ކޯހުގައި 146 ދަރިވަރުން ހިމެނޭއިރު އޭގެ ތެރޭގައި 22 އަންހެން ދަރިވަރުން ވެސް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑާ، ކާނަލް މުޙައްމަދު ޖަމްޝާދުއާއި، ސަދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑާ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ނިލާމާއި، އެ އޭރިއާ ކޮމާންޑުގެ ކޮމާންޑް ސާޖަންޓް މޭޖާ، ކޮމާންޑް ސާޖަންޓް މޭޖާ ނާޡިމް މުޙައްމަދުގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވެލެއްވިކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ