މަސްވެރިކަމާއި ގުޅޭ

wq

އުމުރުން 17 އަހަރުގެ މަސްވެރިޔާ: މަސްވެރިކަމަކީ"ސަޅި"ކަމެއް!

"މަހަށްދާނީ ނުކިޔަވާ މީހުން". "މަސްވެރިިކަމަކީ ކަޓު މަސައްކަތެއް" މިއީ ގއ. ގެމަނަފުށީ "މަރުހަބާ" ދޯނިން މަހަށް ދާ އުމުރުން އެންމެ 17 އަހަރުގެ އަހުމަދު މިގްދާމް މުހައްމަދަށް އޭނާގެ ރަށްޓެހިން މީގެ ކުރިން އަމާޒުކުރި މަލާމާތުގެ ބައެއް ބަސްތަކެވެ. ނަމަވެސް މިގްދާމް މިއަދު އެވަނީ މަސްވެރިކަމަކީ ވަކި އުމުރަކަށް އޮތް ކަމެއް ނޫންކަމާއި އެއީ "ކަޓު" މަސައްކަތެއް ނޫންކަން ސާބިތުކޮށްދީފައެވެ.

ރަށު ސްކޫލުން އޯލެވެލް ހެދުމަށް ފަހު، މިގްދާމް މާލެ ބަދަލުވީ، ސްކޫލު ދައުރުން ފެށިގެން ޗެފަކަށް ވުމަށް ދެކެމުން އައި ހުވަފެނުގައި ހަގީގީ ކުލަ ޖެއްސުމަށެވެ. ނަމަވެސް އެ ދާއިރާއިން މިގްދާމް ކުރިއަށް ދިއުމުގައި "ފުލުސްޓޮޕް"ޖެހިގެން ދިޔައީ އޭނާ ކިޔަވަން ބޭނުންވި ކޯސް ނުލިބުމުގެ ސަބަބުންނެވެ. އެހެންކަމުން އެނބުރި ރަށަށް އައިސް ޕެޓްރޯލްގެ ހިދުމަތްދޭ ތަނެއްގައި ދެ މަސް ވަންދެން މަސައްކަތް ކުރިއެވެ. އެއަށް ފަހު މިގްދާމް ފެށީ މަހަށް ދާށެވެ.

މިގްދާމް ބުނި ގޮތުގައި މަހަށް ދިއުމަށް އޭނާއަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ ޒުވާން މަސްވެރިޔާގެ ނަމުން މަޝްހޫރުވެފައިވާ ހަސަން ސާޖިންގެ މަސައްކަތް ފެނިފައެވެ. އޭނާގެ މަސްވެރިކަމުގެ ހުނަރު ފެނި މަހަށް ދާހިތްވީކަމަށް މިގްދާމް ބުންޏެވެ. ނަމަވެސް މިގްދާމަށް ކުރިން ލިބިފައިވަނީ ފަރުމަސްވެރިކަމުގެ ތަޖުތިބާކަމުން ކަޅުބިލަމަހުގެ މަސްވެރިކަމުގައި އަމަލު ކުރާނެ ނުވަތަ މަހަށް ގޮސް އުޅޭނެ ގޮތުގެ މާބޮޑު މައުލޫމާތެއް އޭނާއަށް ލިބިފައެއް ނުވެއެވެ. އަދި އެއިރު ދޮށީގެ މަސްވެރިކަމަކީ ކިހިނެތް ކުރާ ކިހާ ބުރަ މަސައްކަތެއް ކަމެއްވެސް ނޭނގެއެވެ.

އާއިލާގެ މަޝްވަރާއާއެކު ބައްޕަ ހަމަޖައްސައިދިން ދޯންޏަކުން މިގްދާމް މަހަށް ދާން ފެށީ އުމުރުން އެންމެ 16 އަހަރުގައެވެ. މިގްދާމް މަހަށް ދާން ފެށިތާ މިހާރު އަހަރެއްވާން ކައިރިވެފައިވާއިރު، އޭނާއަކީ މިއަދު ގެނަމަފުށީގެ ގިނަ ބަޔަކު ބަލައިގަންނަ އަދި މަސްވެރިކަމުގެ ހުނަރުތައް ހުރި ޒުވާނެކެވެ. މިގްދާމް ބުނި ގޮތުގައި މަސްވެރިކަމުގައި ކުރާ ހުރިހާ ކަމެއްވެސް މިހާރު އެނގެއެވެ. އަދި ކޮންމެ ދުވަހަކުވެސް އާ ކަންކަން ދަސްކުރުމަށް ވަގުތު ހުސްކުރާކަމަށް ބުންޏެވެ.

"ފުރަތަމަ މަހަށް އައިއިރު ނޭނގޭ ދޮށި އަޅާކަށްވެސް. ދެން ހަމަ ދޯނީގެ މީހުން ކައިރިން އަހައިގެން އެމީހުން އެކަން ކުރާ ގޮތް ބަލައިގެން ދަސްކުރީ. ހަމަ އެގޮތައް އެން އުކުމާއި އެހެނިހެން ކަންކަންވެސް. ދޯނީގައި މިހާރު ކުރަން ނޭނގޭ ކަމެއް ނުހުންނާނެ" ފަހުރުވެރިކަމާއެކު އުމުރުން 17 އަހަރުގެ މިގްދާމް ބުންޏެވެ.

އެންމެ އުފާވަނީ އާއިލާ ކައިރީގައި އުޅެ ރަނގަޅު އާމްދަނީއެއް ލިބޭތީ ކަމަށް މިގްދާމް ބުންޏެވެ.

"ކޮންމެ ހަފްތާއަކުވެސް އާއިލާއާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބޭ. ގިނައިން ހަފްތާ ބަންދުތަކުގައި އެފުރުސަތު ލިބޭނެ. އެއީ އެންމެ އުފާވާ ކަންކަން" މިގްދާމް ބުންޏެވެ.

މިގްދާމް ބުނީ، މަހަށް ގޮސްގެން މަސްބާނާއިރު އެވްރެޖުކޮށް ކޮންމެ މަހަކު 10،000 ރުފިޔާއިން މަތީގެ އާމްދަނީއެއް ލިބޭ ކަމަށެވެ. މަސްވެރިކަން ރަނގަޅު މަސްމަހުގައި 16،000ރ ވެސް ލިބޭ ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން މަސްވެރިކަމަކީ އާމްދަނީ ހޯދުމުގެ ގޮތުންވެސް ކުރުން ރަނގަޅު މަސައްކަތެކެވެ.

"މިހާރު މަހަށް ދާހިތްވޭ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައިވެސް އަންނަ އަހަރުވެސް އޭގެ އަނެއް އަހަރުވެސް ދާނީ މަހަށް. މި ނޫން ކަމެއް ކުރުމުގެ ވިސްނުމެއް އަދި ނެތް.'' މިގްދާމް ބުންޏެވެ.

މަސްވެރިކަމުގައި މިގްދާމްގެ އުންމީދު!

މަހަށް ނުކުތް ފުރަތަމަ ދުވަހުވެސް މިގްދާމްގެ އަޒުމެއް އޮތެވެ. ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް އޮތެވެ. އެއީ ފަޅުވެރިއަކުން ކެޔޮޅަކަށް ބަދަލުވުމެވެ. މަސް ދޯންޏެއްގައި އެންމެ އިސް ފަރާތަކީ ކެޔޮޅެވެ.

"އުންމީދަކީ ކެޔޮޅަކަށްވުން. ދެން މަސްވެރިކަމުގެ ރޮނގުން ދެވެން އޮތް އެންމެ އުހަކަށް ދިއުން" މިގްދާމް ބުންޏެވެ.

ކެޔޮޅަކަށްވުމުގެ އިތުރުން މިގްދާމްގެ އެހެން ހުވަފެނެއްވެސް އެބައޮތެވެ. އެއީ އުމުރުން 18 އަހަރުވުމުގެ ކުރިން އަމިއްލަ ފައިމައްޗަށް ތެދުވެ، އެހެން މީހަކަށް ބަރޯސާ ނުވެ އުޅެވޭވަރު ވުމެވެ. ހަލާލު މަސައްކަތެއްކޮށް، ހަލާލު ފައިސާއިން އަމިއްލަ ދިރިއުޅުމެއް އާރާސްތުކުރުމަކީ މުސްތަގުބަލާމެދު މިގްދާމް ދެކޭ ފޮނި ހުވަފެނެކެވެ.

މިގްދާމް މިއަދު އެހުރީ، ޒުވާން މަސްވެރިއެއްގެ ގޮތުގައެވެ. މަހަށް ދާން ފެށި ފުރަތަމަ ދުވަސްވަރު މިގްދާމަށް މަލާމާތް ކުރި ރަށްޓެހިންގެ އަނގަތައް މިއަދު ވަނީ ބަންދުވެފައެވެ. އެ ރަށްޓެހިންވެސް މިއަދު ގަބޫލު ކުރާ ގޮތުގައި މަސްވެރިކަމަކީ ކަޓު މަސައްކަތެއް ނޫނެވެ. އަދި އެއީ ހަލާލު ގޮތުގައި ރަނގަޅު އާމްދަނީއެއް ލިބޭނެ މަސައްކަތެއްކަން އެ ރަށްޓެހިން މިއަދު ގަބޫލު ކުރެއެވެ.

މި ވީޑިއޯއިން މި ފެންނަނީ މިގްދާމް ގޮދާ ބާނާތަނެވެ. ތަޖުރިބާހުރި މަސްވެރިނަށްވުރެ އެންމެ ތަންކޮޅެއްވެސް މިޤަދާމް ދެރައެއް ނޫނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!