2026-03-07 22.35.14

މުޝްރިފް އައްޑޫގެ ރައްޔިތުންނަށް: ފުރުސަތު ދެއްވާ، "ދަ ގްރޭޓާ އައްޑޫ" ހަގީގަތަކަށް ހަދައިދޭނަން!

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީއަށް ރައްޔިތުން ދީފި ނަމަ "ދަ ގްރޭޓާ އައްޑޫ"ގެ ސިޔާސަތު ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށް ޕީއެންސީގެ މޭޔަރު ކެންޑީޑޭޓް މުޝްރިފް އަލީ ވިދާޅުވެއްޖެ އެވެ.

އާޓިފިޝަލް ބީޗުގައި މިހާރު ކުރިއަށްދާ ޖަލްސާގައި މުޝްރިފް ވިދާޅުވީ، އައްޑޫގެ ރައްޔިތުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ގާބިލްކަން ހުރި ރައްޔިތެއް ކަމަށެވެ.

މުޝްރިފް ވިދާޅުވީ، ރާއްޖޭގެ ތަރައްގީގައި އައްޑޫގެ ދަރީންގެ ހިއްސާ ބޮޑު ކަމަށެވެ. އަދި "ދަ ގްރޭޓާ އައްޑޫ" އަކީ، ހަމައެކަނި ތަސައްވަރެއް ނޫން ކަމަށާއި އެއީ ހަގީގަތަކަށް ހެދުމުގެ ހެޔޮ ވިސްނުމެއް ކަމަށެވެ.

"މިއީ ހަމައެކަނި ޗާޓެއްގައި ކުރަހާ ކުރެހުމެއް ނޫން. މިއީ އިގްތިސޯދީ ގޮތުން ވަރުގަދަ އަދި ދެމެހެއްޓެނިވި މުސްތަގުބަލަކަށް އައްޑޫ ތައްޔާރުކުރުމުގެ މަސައްކަތެއް" މުޝްރިފް ވިދާޅުވިއެވެ.

މުޝްރިފް ވިދާޅުވީ، އައްޑޫއަށް ޒަމާނުއްސުރެ ވެފައި އޮތް އިހުމާލު ނިމުމަކަށް ގެނެސް އައްޑޫއަށް ތަރަައްގީ ގެނައުމަށް ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓުލާން ޖެހޭ ކަމަށެވެ.

މުޝްރިފް އިތުރަށް ވިދާޅުވީ، ސިޓީތައް ކުރިއަރަނީ އާ ވިސްނުންތަކާއި އިންތިޒާމުތަކާއި އާ އިންވެސްޓްމަންޓްތަކަށް ފުރުސަތު ލިބިގެން ކަމަށާއި އެކަން ކުރެވޭނީ ސަރުކާރުގެ ކެންޑިޑޭޓުންނަށް ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!