2026-03-07 23.54.14

ޝީޝާ މަނާކޮށް، ހަކުރުން ސަބްސިޑީ ކަނޑާކަށް ނޫޅެންް، ބޭނުމީ ހޭލުންތެރިކުރަން: ރައީސް 

ރާއްޖޭގައި ޝީޝާ މަނާކޮށް، ހަކުރުން ސަބްސިޑީ ކެނޑުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި ބޭނުންވަނީ އެކަންކަމާމެދު ރައްޔިތުން ހޭލުންތެރިކުރުވަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީގެ "ދަ ގްރޭޓާ އައްޑޫ" ކެމްޕެއިން އިފުތިތާހުކުރުމަށް ހެންވޭރު އާޓިފިޝަލް ބީޗުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ އާންމުންގެ މެދުގައި ވަރަށް ބޮޑަށް ނާޒުކު ނުވަތަ ހިޔާލު ތަފާތުވުން ބޮޑު ކަންކަމުގައި މި ސަރުކާރުން މުހިންމު ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

ހާއްސަކޮށް، ސިއްހަތަށް އެތައް ގެއްލުމެއް ދޭ ވޭޕް މަނާކޮށް، ދުންފަތުގެ އިސްތިއުމާލުކުރުމުގެ އާދަތަކުން އާންމުން ދުރުކުރުމަށް މުހިންމު ފިޔަވަޅުތަކެއް މިހާތަނަށް އަޅާފައި ވިޔަސް، އިތުރު އެއްޗެއް މަނާކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ދޭތެރޭން ހެލްތު މިނިސްޓަރު ވިދާޅުވި ކަމަކާ ގުޅިގެން ބައެއް ބޭފުޅުންގެ ހިތްނުތަނަވަސްކަމެއް އެބައޮތް. ދުންފަތުގެ އިސްތިއުމާލު ކުރުމުގެ މައުލޫގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަދާބު ދެއްވަމުން ވިދާޅުވި އެއްޗަކުން،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުންގެ ސިޔާސަތެއް ނޫން، އަޅުގަނޑު ހަމަ އެކަން ސާފުކޮށްލަން މި ދަންނަވަނީ އިތުރު ކަންކަން ބޭންކުރުމަކީ. އެހެނެއް ނޫން، ހޭލުންތެރިކަން އިތުރު ކުރާނަން."

ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ މުޖުތަމައުގެ ތެރޭގައި ހުރި ނުބައި އާދަތައް ނުވަތަ ސިއްހަތަށް ގެއްލުންދެނިވި ކަންކަމުން އާންމުން ދުރުކުރުމަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.

"އަޅުގަނޑުމެން ނޫޅެން ޝީޝާ ބުއިން ބޭން ކުރާކަށް. ހަކުރުގެ ސަބްސިޑީ ކަނޑާލާކަށް. މި ކަހަލަ ކަންކަން ކުރާކަށް ނޫޅެން،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް، އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، މި ކަންކަމުން ދުރުހެލިވުމަށް ބާރުއަޅައި ހިތްވަރުދޭން ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!