ނިއުރޯ ސާޖަރީތަކުގައި ބޭނުންކުރާ "އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން" އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން ތައާރަފުކޮށްފި އެވެ.
މި ޓެކްނޮލޮޖީގެ އަލީގައި އޮޕަރޭޝަން ކުރަމުންދާ ވަގުތު ނާރުތަކަށް ލިބިދާނެ ގެއްލުންތައް ވަގުތުން ދެނެގަނެ، ސާޖަރީތަކުގައި ނާރުތަކަށް ލިބިދާނެ ގެއްލުންތައް ކުޑަކުރެވި، ބަލިމީހާގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ އެވެ.
އައިޖީއެމްއެޗްގެ ސީނިއާ ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓް އިން ނިއުރޯ ސާޖަރީ، ޑރ. އަލީ ނިޔާފް ވިދާޅުވީ، އޮޕަރޭޝަން ކުރަމުންދާ ގަޑީގައި ނާރުތައް މަސައްކަތްކުރާ ގޮތް މެޝިނުން ދައްކާއިރު، އޮޕަރޭޝަން ކުރަމުންދާ ވަގުތު ނާރަކާ ގާތްވެ ނާރަކަށް ގެއްލުން ލިބޭފަދަ ބަދަލެއް އަންނަނަމަ އެ މެޝިނުން ޕަސެންޓޭޖާއެކު ދައްކާނެކަމަށެވެ.
ޑރ. ނިޔާފް ވިދާޅުވީ، ކޮމަން ސާޖަރީތަކުގެ ތެރޭގައި ކަނދުރާގެ ޑިސްކް ސާޖަރީ، މައިބަދައިގެ ޑިސްކް ސާޖަރީ ނޫނީ މައިބަދަޔަށް ގެއްލުން ލިބިގެން އަންނަ އޮޕަރޭޝަންތަކުގެ ތެރޭގައި، އިސްކުރު ޖަހާއިރު އިސްކުރުގެ އިންޓަގްރިޓީ ނުވަތަ އިސްކުރު ޖެހެމުންދާ ތަނާ އެކުގައި އިތުރު ނާރަކަށް ފިތޭ ކަމަށް ވާނަމަވެސް މެޝިނުން އެކަން ފާހަގަކުރާނެ ކަމަށެވެ.